އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވާދަނުކުރެވޭނެ ކަމަށް ނިންމި ނިންމުން މުރާޖައާކޮށްދޭން އެދިއްޖެއެވެ.

އެމްޑީޕީން ބޭއްވުމަށް ތައްޔާރުވަމުން އަންނަ އެޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އަކުރަމަށް ބައިވެރިނުވެވޭނެ ކަމަށް ބުނެފައިވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައިވާކަމަށް އެމްޑީޕީން ބުނެއެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އެޑްރެސްކުރައްވާ އަކުރަމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޕާޓީގެ ނިންމުމާ ގުޅިގެން ގިނަ ކަންތައްތަކެއް ފާހަގަކުރައްވާ ކަމަށެވެ.

އެގޮތުން ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ޝަރުތުތައް ޕާޓީގެ އެއްވެސް ގަވާއިދެއްގައި ބަޔާންކޮށްފައި ނުވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ގައުމީ ހިންގާ ކޮމިޓީން ނިންމާފައިވާ ނިންމުން ތަކުގައި ބަޔާން ކޮށްފައިވާ، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި މަރު ކޮމިޝަނުން ނެރުނު އެއްވެސް ރިޕޯޓެއްގައި، ކުށެއް ކުރިކަމަށް ނުވަތަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، އޭސީސީން މައްސަލައެއް ހުށަހެޅިފައި އޮތުމަކީ ނުވަތަ މައްސަލައެއް ބަލަމުންދިއުމަކީ ޝަރުތު ފުރިހަމަނުވާނެ ސަބަބެއް ނޫން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ތައްޔާރުކޮށްފައިވާ އެއްވެސް ރިޕޯޓެއްގައި އަޅުގަނޑުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެއްވެސް މުއައްސަސާއަކަށް ފޮނުވާފައިވާ ކަމެއް އަޅުގަނޑަށް އެނގިފައެއް ނުވެއެވެ. އަދި އެފަދަ އެންގުމެއް އެއްވެސް އިދާރާއަކަށް އެންގިކަމެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

އަކްރަމް އިތުރަށް ވިދާޅުވީ ޕާޓީގެ އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޝަރުތުތައް އިންތިހާބާ ދިމާކޮށް ބަދަލުކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރަމުންދާ އުސޫލެއް ނޫން ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވައިދުގައި ނުހިމެނޭ ޝަރުތުތަކެއް ޕާޓީގެ ހިންގާ ކޮމެޓީގެ ބައްދަލުވުމަކުން ނިންމާ ނިންމުމަކުން އިތުރު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވަނީ ދާއިރާ ތަކުގެ އިންތިހާބަށް ޝަރުތު ފުރިހަމަނުވާކަމަށް ނިންމާފައިވާ ނިންމުމަކީ ޕާޓިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށާއި އަދި ނިންމުން އަލުން މުރާޖައާކޮށް، އެމްޑީޕީގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަމަޖައްސާ ދިނުމަށް ވަނީ އެދިފައެވެ.