ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމާއެކު އެ ގައުމުން ގިނަ އަދަދެއްގެ ރައްޔިތުން ފައިބަން ފަށާފައި ވާއިރު، ރައްކާތެރި ކަމާއެކު އެކަން ކުރިއަށް ގެންދެވޭނެ މަގުތަކެއް، އަފްގާނިސްތާނުގެ އަވަށްޓެރި ގައުމުތަކުން އެ ރައްޔިތުންނަށްޓަކާ ފަހިކޮށްދެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް، ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދުވަހު ނޫހަކުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އަފްގާނިސްތާނުގެ ރައްޔިތުންނަށް ރައްކާތެރި މަންޒިލެއް ކަށަވަރު ކޮށްދެވެން ޖެހޭ ކަމަށާ، އެ ގައުމުގައި އުފެދެމުންދާ އިންސާނީ ކާރިސާގެ ކަންކަން މެނޭޖު ކުރުމުގައި ކޮންމެ މީހެއްގެ މަސްލަހަތުވެސް އެކުލެވޭ ކަމަށެވެ. އަދި މި ކާރިސާގެ ކަންކަން މެނޭޖު ކުރުމުގެ ގާބިލުކަން ބައިނަލްއަގުވާމީ މުޖުތަމައަށް ލިބިގެން ވާކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ތޯލިބާނުން ކޮންޓްރޯލް ނަގާފައިވާ ކާބުލްގެ އެއާޕޯޓަކުން އަފްގާނިސްތާނުގެ ރައްޔިތުން، އެމެރިކާގެ އަސްކަރީ ބޯޓެއްގައި ފުރަނީ / ފޮޓޯ: ޑިފެންސް ވަން | ސްކައިނިއުސް

އެންމެން ފިލަން ދުވަން ނުޖެހޭ ކަމަށް ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ނަޝީދު ވަނީ، އަފްގާނިސްތާނުގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން ރައްކާތެރި ކަމާއެކު އަފްގާނިސްތާނުން ބޭލުމަށް، ގައުމުތަކުން އަފްގާނިސްތާނަށް ފައުޖުތައް ފޮނުވަމުން ދާ ކަން ފާހަގަ ކުރައްވާ، އެއީ ހަޖަމް ކުރައްވަން ދަތިކަމެއް ކަމަށް ވިދާޅުވެފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްވެސް ވަނީ އަފްގާނިސްތާނުގެ ރައްޔިތުން ބާކީ ނުކުރުމަށާ، އަފްގާނިސްތާނުގެ ރެފިއުޖީންނަށް ބައިނަލްއަގުވާމީ މުޖުތަމައުން މަރުހަބާ ކިއުމަށް ގޮވާލައްވާފައެވެ.

ކަން މިހެން އޮތް އިރު، އަފްގާނިސްތާނުގެ މަސްރަހުގައި ނިއުޅެމުންދާ ކަންކަމާ މެދު ދިވެހިރާއްޖެއިން އަދި ވަކި ސްޓޭންޑެއް ނަގާ، ވަކި ގޮތެއް ހަދަން ނިންމާފައި ނުވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ދަ ޕްރެސްއަށް ކަށަވަރުކޮށްދީފައެވެ.