އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ، ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތާ މަޝްހޫލުވުމުގެ ކުރިން، ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ވިސްނަންޖެހޭ ކަމަށް، ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ މި ހައްސާސީ ދަނޑިވަޅުގައި، އެކަމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދަށް ކުރާނެ އަސަރާ ބެހޭ ގޮތުން އިންޑިއާގެ ދުވަހު ނޫހަކުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ނަޝީދު ވިދާޅުވީ، ތޯލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމަކީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާ، ތޯލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ނެގުމަކީ، ފެތުރިފައިވާ ހައްދު ފަހަނައެޅި ފިކުރުގެ ޖަމާއަތްތަކުން، އެކަމަކަށް މަރުހަބާ ކިއާނެ ކަމެއް ކަމަށެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާން ޖަމާއަތުގެ ހަނގުރާމަވެރިން / ފޮޓޯ: ބީބީސީ

ތޯލިބާނުން އަފްގާނިސްތަނުގެ ކޮންޓްރޯލް ނެގުމަކީ، ދެކުނު އޭޝިއާ ސަރަހައްދުގެ އެކި މަންޒިލްތަކަށް އަމާޒުކޮށް ހަމަލާ ދިނުމަށް ރޭވުމަށާ، އެކަމާ ގުޅުންހުރި އެހެނިހެން ކަންކަން ކުރުމަށް، އެފަދަ ފަރާތްތަކަށް ރައްކާތެރި މަންޒިލެއް ކަށަވަރު ކޮށްދެނިވި ކަމެއް ކަންވެސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މިއީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާ، އަފްގާނިސްތާނު ބިނާ ކުރުމުގައި މިއަށް ވުރެ މާ ރަނގަޅަށް މަސައްކަތްތަކެއް ކުރެވުނީސް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖެވެސް ހަރުކަށި ފިކުރުގެ ވިސްނުމާ ދިމާއަށް މިސްރާބު ޖެހުމާ ގާތްވި ކަމަށާ، ނަމަވެސް ސިޔާސީ ޕާޓީތައް ބާރުވެރި ކުރުވާ، ގާނޫނު އަސާސީ އިސްލާހު ކޮށް، މިނިވަން އިންތިހާބު ބޭއްވުނު ކަމަށާ، ދިވެހިރާއްޖެއަކީ ކާމިޔާބު އިސްލާމީ ގައުމެއްގެ މިސާލު ކަމަށް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ފުލުހުން މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން / ފޮޓޯ: ޕޮލިސް

ދިވެހިރާއްޖޭގައިވެސް ހައްދުފަހަނައަޅާފައި ވާ ފިކުރުގެ މީހުން އުޅޭ ކަމަށާ، އެމީހުންނަކީ ދިވެހިންގެ އާދަކާދަ ބަދަލު ކުރަން ބޭނުންވާ ބައެއް ކަމަށާ، ނަމަވެސް، އެއީ ދިވެހި އާބާދީގެ އަޣުލަބިއްޔަތު ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. ދިވެހި އާބާދީގެ އަޣުލަބިއްޔަތަކީ ކުރިއަރާދާ ބައެއް ކަމަށާ، އަފްގާނިސްތާނުގައިވެސް ތިބީ މިފަދަ ބައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ރޫހުގައި ބަސްދީގަތުން ކުރިއަށް ގެންދަވަމުން ނަޝީދު ވިދާޅުވީ، މިއީ އަދަށް ވުރެ ހަރަކާތްތެރި ދައުރެއް، އިންޑިއާއިން އަފްގާނިސްތާނުގައި އަދާ ކުރަންވީ ވަގުތު ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ކަމެއް ދިމާވުމުން އެކަމަކަށް އޮތް ހަމައެކަނި ގޮތަކީ ސިފައިން ފޮނުވުން ނޫންކަމަށާ، އިންޑިއާއިން ސިފައިން ކޮންމެހެން އަފްގާނިސްތާނަށް އަރަން ނުޖެހޭ ކަމަށާ، ނަމަވެސް އެއީ ކުރަން ޖެހިއްޖެ ހިނދެއްގައި ކުރަން ވާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި ވާ އަފްގާނިސްތާނުގެ ބަލްހް ސަރަހައްދުގެ މޭޔަރު / ފޮޓޯ: ބީބީސީ

ކަންމިހެން އޮތްއިރު، އަފްގާނިސްތާނުގެ ސިޔާސީ ޕާޓީތައް ބާރުވެރި ކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ގާނޫނު އިސްލާހު ކުރުމާ ދިމާއަށް އަފްގާނިސްތާނު ދާނެ ކަން ކަށަވަރު ކުރުމާ، މިނިވަން އިންތިހާބާ ދިމާއަށް އަފްގާނިސްތާނު ދާނެކަން ކަށަވަރު ކުރުން މުހިންމު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މިއީ އަދި ދުރުގައި އޮތް ކަމެއް ނަމަވެސް، މިއީ ކުރެވޭނެ ކަމެއް ކަންވެސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ސަރުކާރެއްގެ ގޮތުގައި ތޯލިބާނުންނާ މަޝްހޫލުވުމުގެ ކުރިން، ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ވިސްނަން ޖެހޭ ކަމަށާ، މިހާރުގެ ތޯލިބާނުންނަކީ ތަފާތު ބަޔަކަށް ވެދާނެ ކަމަށް ގަބޫލު ކުރުމަކީ ހީއެއްގެ މައްޗަށް ބިނާ ކުރެވޭ ވިސްނުމަކަށް ވެދާނެ ކަމަށް ނަޝީދު ވަނީ އިޝާރާތް ކުރައްވާފައެވެ.

އަފްގާން ދިފާއީ ބާރުގެ އުޅަނދެއްގައި އިން ތޯލިބާން ހަނގުރާމަވެރިއެއް / ފޮޓޯ: އޭއެފްޕީ

އަފްގާނިސްތަނުން މަޝްހޫލު ވެވިދާނެ އެހެން ދާއިރާތައް އެބަހުރި ކަމަށާ، އެގޮތުން ކުރީގެ ރައީސުންވެސް އެބަތިއްބެވި ކަން ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިއީ ތޯލިބާނުންގެ ސަރުކާރަކަށް ތާއީދު ކުރުމަށް ބައިނަލްއަގުވާމީ ދުނިޔެއިން އަވަސްވެގަންނަންވީ ވަގުތު ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ތޯލިބާނުންނަކީ އަފްގާނިސްތާނުގެ ސަރުކާރަށް ކޮންމެހެން ވާންޖެހޭނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާ، ނަމަވެސް އަފްގާނިސްތާނުގައި އެކުލަވާލާ ސަރުކާރެއްގައި ތޯލިބާނުންނަށްވެސް ދައުރެއް ދެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ބިނާކުރަނިވި ސިޔާސީ ރޫހެއްގައި ހަރަކާތްތެރިވެވިދާނެ އެތައް ބަޔަކު އަފްގާނިސްތާނުގައި އެބަތިބި ކަމަށް ނަޝީދު ވަނީ އިޝާރާތް ކުރައްވާފައެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާން ޖަމާއަތުގެ ހަނގުރާމަވެރިން / ފޮޓޯ: ބީބީސީ

ތޯލިބާނުން އަރާ އަފްގާނިސްތާނުގެ ވެރިރަށް ހިފުމާ ހިސާބަށް ކަންކަން ދިޔައިރު އެކަމުގައި ޕާކިސްތާން ފަދަ ގައުމުތަކަށްވެސް ކުރެވިދާނެ ކަމަކާ މެދު ސުވާލު އުފެދޭ ކަމަށް ނޫސްވެރިޔާ ފާހަގަ ކުރުމުން، ރައީސް ނަޝީދު ވަނީ، އެއީ ތެދަކަށް ވެދާނެ ކަމަށާ، ނަމަވެސް އިންޑިއާއަށްވެސް އިސްތިރާޖީ ގޮތުން ކަންތައްތައް ކުރެވިދާނެ ކަން ފާހަގަ ކުރައްވާފައެވެ. މިކަމުގައި އިންޑިއާއިން އިސްތިރާޖީ ގޮތުން މަޝްހޫލު ނުވާންވީ ސަބަބެއް ނެތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަފްގާނިސްތާނުގެ އުތުރުގެ ސަރަހައްދުތަކުގައި ވާ ބޮޑެތި ސިޓީތައް ހިފަމުން ގޮސް، ތޯލިބާން ޖަމާއަތުގެ ހަނގުރާމަވެރިން، އަފްގާނިސްތާނުގެ ވެރިރަށުގެ ކޮންޓްރޯލް ނަގާފައި ވާ އިރު، އަފްގާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ވަނީ ގައުމު ދޫކުރައްވާ ފިއްލަވާފައެވެ. އަފްގާނިސްތާނުގެ ކޮންޓްރޯލް ތޯލިބާނުންގެ ދަށަށް ގެންގޮސްފައި މިވަނީ، ޓެރަރިސްޓުން ބަލި ކުރުމުގެ ނަމުގައި އެމެރިކާއިން ކުރި 20 އަހަރުގެ ހަނގުރާމަ ނިމުމަކަށް ގެނެސް، މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަސްކަރީ ފައުޖުތައް އަފްގާނިސްތާނުން ބާލަމުން ދާ ދަނޑިވަޅެއްގައެވެ.