ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ތިމަރަފުށީ ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި ސަރުކާރުން ތިމަރަފުށީގައި ޖުމްލަ ގޮތެއްގައި ކުރިޔަށްގެންދަވާ ތަރައްގީގެ މަޝްރޫއުތައް ތިމަރަފުށީގެ ރައްޔިތުން ބަލައިގަންނަކަމަށާ ތިމަރަފުށީގެ ތަރައްގީއަށް ސަރުކާރުން ދޭ އެއްބާރުލުން އެރަށު ކައުންސިލުގެ ރައީސް އިސްމާއީލް އިބްރާހީމް ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާ ކުރެއްވިއެވެ.

އޭގެ އިތުރުން ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ރިޔާޒު ވަނީ ތިމަރަފުށީގައި ކުރިޔަށްދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމަށާ، ދާދިފަހުން ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށްއިވާކަމަށާ މަގުހެދުމުގެ މަޝްރޫއު ކުރިޔަށްދާކަމަށް ފާހަގަކުރައްވާފައެވެ.

ތިމަރަފުށީ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާ، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، ކައުންސިލުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ރަށް ގިރުމުގެ މައްސަލައާ، ބަނދަރުގެ ދަތިކަމާ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ބޭނުންވާކަމާ، އެއާޕޯޓްގެ ދަތުރުތައް މަދުވުމުން ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.

އޭގެ އިތުރުން ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާކަމާ، އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ މާ ގިނަ ފުރުސަތުތަކެއް ނެތުމުން ދިމާވާ އިގްތިސާ ދަތިތަކާ، މަގުހެދުމުގެ މަޝްރޫއު ލަސްވާތީ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. އަދި، ކަރަންޓުގެ ހިދުމަތް ލިބުމުގައި ހުރި ދަތިތަކާ ކައުންސިލުން ބޭނުންވާ ތަރައްހގީގެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ރައީސްއާ މަޝްވަރާކުރައްވާފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި، އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ވަކި ޖާގައެއް ކަނޑައަޅައިދެއްވުމަށާ، ކޮމިޓީގެ މެންބަރުންގެ މުސާރައާ އިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުކުރި މަޝްރޫއުތައް ކުރިޔަށްދާގޮތާ ބެހޭ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނުފެށި ލަސްވެފައިވަނީ ކޮވިޑްގެ ސަބަބުން ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫއުގެ މަސައްކަތް ފެށޭނެކަމުގައި ވަނީ ވިދާޅުވެފައެވެ.

އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި މަގުހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމުގައި ކައުންސިލުން އެދުނު ފަދައިން ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމަކާއެކީ އެކަން ކުރެވޭނެ ގޮތެއް ބަލާދެއްވާނެކަމަށާ، ބަނދަރުގެ އެކްސްޓެންޝަން މަސައްކަތް މިއަންނަ އަހަރަށް ބަޖެޓްކުރެވޭތޯ މަސައްކަތްކޮށްދެއްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވިގޮތުގައި އެ ރަށުގެ ސިއްހީ މަރުކަޒުގެ އަޕްގްރޭޑިން މަސއްކަތް މީހާރަށް ބޭނުންވާނެ ކަންކަމާއެކީ ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށާ، މެދު ފަންތީގެ ހޮސްޕިޓަލްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ރާވާފައިވާ މަޝްރޫއުގައި ހިމަނައިގެން އެރަށުގައި ވެސް އެފަދަ ހޮސްޕިޓަލެއް ކުރިޔަށް އޮތްތާގައި ގާއިމުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސް ވަނީ ތ. އަތޮޅަށް ފަތުރުވެރިކަން ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަން ހާމަކުރައްވާ އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމުގައި ފާހަގަ ކުރައްވާ އެމަނިކުފާނު ވަނީ ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން ރަށުގެ ރައްޔިތުން އެދޭކަންކަން ފަހިކޮށްދީ ފާހަގަކުރެއްވި މައްސަލަތަކަށް ހައްލު ހޯދާދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ކައުންސިލުގެ އިދާރާގައި ބޭއްވި އެ ބައްދަލުކުރެއްވުމުގެ ކުރިން ރައީސްގެ ޝަރަފުގައި ތިމަރަފުށީގެ ރައްޔިތުން ދެއްވި ރޭނގަޑުގެ ފަރިއްކޮޅެއްގައި ރައީސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް މިހާރު ތިމަރަފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. ރައީސްގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް އެދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.