މޭޔަރުގެ ހިތުގައި އޮންނަ ގޮތަށް މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ވިދާޅުވެ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ އެއްބަސްވުމެއް ނެތި މޭޔަރުގެ ހިތުގައި އޮންނާނީ މިވެނި އެވެނި އެއްޗެކޭ ހިތަށް އަރުވައިގެން މަސައްކަތް ކުރެއްމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
އަލަށް އިންތިހާބު ކުރި ސިޓީ ކައުންސިލަށް މިވީ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެދުނު ކަންކަން ކައުންސިލުން ފުރިހަމަ ކޮށްދީފައި ވާނެ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކައުންސިލަށް ޖެއްސުންކުރާތަން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މޫކޭ ވިދާޅުވީ ހެންވޭރު އުތުރު ސެގްމަންޓު ފެށުމަށް ބޭއްވި ރަސްމިއްޔާތު ސިޔާސީކޮށް ފިތުނަ އުފައްދާނެ ކަމަށް ހީނުކުރައްވާ ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ރައްޔިތުން ސަރުކާރުގެ ކުންފުނިތަކަށް ބޮޑު އިތުބާރެއް ކުރާ ކަމަށާއި ކުންފުނިތަކާ ބެހޭ ގޮތުން މުއިއްޒު ދެއްކެވި ވާހަކަތަކަކީ ވަރަށް ބޮޑު ފިތުނައެއް އުފެދިގެން ދާނެ ކަމެއް ކަމަށް މޫކޭ ވަނީ ވިދާޅުވެފައެވެ.
މޫކޭ ވިދާޅުވީ މައްޗަންގޮޅީގެ މަގުތައް ތަރައްގީ ކުރުމަށް ފެށުމަށްޓަކައި ސިޓީ ކައުންސިލްގައި ކޮންމެ ދުވަހަކު އެދޭ ކަމަށާއި ސަރުކާރުން މާލޭގެ މަގުތަކުގައި ހުރި ތުރާތައް ފިލުވުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްގެން ހިންގާ މަގުތައް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގައި ސިޓީ ކައުންސިލްގެ ޒިންމާ އަދާކުރާ ނަމަ ބޮޑުބައި މިހާރު ނިމޭނެ ކަމަށް މޫކޭ ވިދާޅުވެއެވެ.
މޫކެ ކަލޭ މޮޔަވަނީތަ ގެޔަށްދެ