މާލޭ ސިޓީ ކައުންސިލް ގައި ސަރުކާރުން އެދުނު ކަންކަން ފުރިހަމަ ކޮށްދީފައި ވާނެ ކަމަށާއި ނަމަވެސް ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް ކައުންސިލަށް ކުރަނީ ޖެއްސުން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ހެންވޭރު އުތުރުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވަނީ ރައްޔިތުން އެދޭ ކަންތައްތައް ފުރިހަމަ ކޮށްދިނުމަށް ސިޓީ ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެގޮތަށް ކަންތައް ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ކެބިނެޓުގެ ވަޒީރުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.

"ސަރުކާރުގެ ކިބައިން މި ފެނިގެންދަނީ ޖުމްލަ ގޮތެއްގައި އެއްބާރުލުން ކައުންސިލަށް ނުދޭތަން. ކައުންސިލަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ހާއްސަގޮތެއްގައި ޖެއްސުންކުރާތަން. ވަރަށް ހިތާމަކުރަން،"
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ކައުންސިލްގެ ޒިންމާ އަދާކުރަން ސަރުކާރުގެ ތެރެއިން އެކިއެކި ދިމަދިމާލުން ހުރަސްތައް ކުރިމަތިކުރުވާތީ ހިތާމަކުރައްވާ ކަމަށާއި ރައްޔިތުން އެދޭ އަމާޒަށް ހިދުމަތް ދިނުމަށް، އިދިކޮޅު ކޯލިޝަންގެ މެޖޯރިޓީ އޮތް ކައުންސިލަށް އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް ރައްޔިތުންނަށް ހިދުމަތް ދިނުމަކީ ކައުންސިލްގެ ބޭނުމެއް ކަމަށާއި އެކަން ކޮށްދިނުމަށް ސަރުކާރުގެ ތެރެއިން އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ކައުންސިލުން ފަށާފައިވާ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް ބައެއް ބަދަލުތައް ގެނެސް، މިހާރުގެ ކައުންސިލުން ނިންމާފައި ވަނީ މާލޭގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ހަދާށެވެ. އެކަމަށް ޕްލޭނިން މިނިސްޓްރީގެ ހުއްދައަށް ވަނީ އެދިފައެވެ.

މޭޔަރު ވިދާޅުވީ ތާރު އަޅައިގެން މަގު ހެދުމުން ހިނގާ މީހުންނާއި ވެހިކަލް ދުއްވާ މީހުން އަދި ޓްރެފިކަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ.

ރައްޔިތުން އެދޭ އަމާޒަށް މާލެ ތަރައްގީކުރަން ބޭނުންވާ ނަމަ ސިޓީ ކައުންސިލުން އެދޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ކޮށްދިނުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި ރައްޔިތުން އެދޭގޮތް ދެނެގަނެ، ރައްޔިތުން އެދޭގޮތަށް ސިޔާސަތުތައް ބައްޓަން ވެގެންދާންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒުގެ މިވާހަކަތަކަށް ސަރުކާރުން އަދި އެއްޗެއް ނުބުނެއެވެ.