ކ. ތުލުސްދޫގައި ހުންނަ ކަސްޓަމްސް އޮފީސް ބަންދު ކޮށްފިއެވެ.

ކަސްޓްމަސް އިން ބުނީ ތުލުސްދޫގައި ހިދުމަތް ދޭން ހުޅުވި އޮފީސް ބަންދު ކުރީ ވޭތުވެ ދިޔަ 7 އަހަރު އެ އޮފީހުން ހިދުމަތެއް ހޯދާފައި ނުވުމުގެ ސަބަބުން ކަމަށެވެ. އަދި މާލޭގެ ބަނދަރުތައް ކަމުގައި މާލޭ ކޮމާޝަލް ހާބަރައި ވެލާނާ އެއާޕޯޓުގައި ދެމުންދާ ކަސްޓަމްސްގެ ހިދުމަތްތައް އިންތިހާއަށް ފުޅާވުމުން ތުލުސްދޫގެ އޮފީހުގެ ބޭނުމެއް ނުޖެހޭ ކަމަށެވެ.

ތުލުސްދޫގައި ކަސްޓަމުން އޮފީހެއް ހުޅުވީ، ހިކި ކަނޑުމަސް ރައްކާކުރުމާއި ބަންދުކޮށް ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ގިނަ ފަރާތްތަކުން އޭރު ކުރަމުން ދިއުމާ ގުޅިގެން މަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ކަސްޓަމްސްގެ ހިދުމަތް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށެވެ.

ނަމަވެސް، ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި އެ އޮފީހުގެ ހިދުމަތް މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކުން އެއްގޮތަކަށްވެސް ހޯދާފައި ނުވާ ކަމަށް ކަސްޓަމުން ބުނެއެވެ. އަދި ތުލުސްދޫ ކަސްޓަމްސްގައި މަސައްކަތް ކުރި މުވައްޒަފުން ކަސްޓަމްސްގެ އެހެން ސެކްޝަންތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެއިދާރާއިން ބުނެއެވެ.