ހިނގާ މީހުންނަށާއި ދުވެ ކަސްރަތު ކުރާ މީހުންނަށް ސިނަމާލެ ބްރިޖު ބަންދުކޮށްފައި އޮތުމުން، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާ ކަންބޮޑުވުން ފާޅުކުރައްވާފިއެވެ.

އިނގިރޭސި ސަފީރު ކުރެއްވި ޓްވީޓެއްގައި ވަނީ ސިނަމާލެ ބްރިޖު، ހިނގާ ދުވެ ހަދާ މީހުންނަށް ހުޅުވާ ނުލަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި ހިނަގާބިނގާވެ އުޅޭ މީހުންނަށް މާލޭގައި އޮންނަ ކުޑަކުޑަ ތަންކޮޅު (ބްރިޖްގެ ވޯކްވޭ) ކަސްތަރު ކުރާ މީހުންނަށް ހުޅުވާލާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ދުޅަހެޔޮކަން މަތީ ތިބުމަށް މުހިންމު ދެކަންތައް ކަމުގައި ވާ ކަސްތަރު ކުރުމާއި ރަނގަޅު ވެއްޓެއް އޮތުމުގެ ވާހަކަ އާންމުކޮށް ދައްކާ އިރު، އެ ތަން (ބްރިޖްގެ ވޯކްވޭ) ބަންދު ކޮށްފައި ބޭއްވުމުން، އެއީ ކަސްރަތުވެސް ކުރެވޭނެ ގޮތެއް ނޫން ކަމަށާއި އަދި ކާބަން މަދު ކުރާ ގޮތެއްވެސް ނޫން ކަމަށް ވިދާޅު ކެރޮން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

ކެރޮންގެ ޓްވީޓަށް ޖަވާބު ދެއްވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދުވެ އަދި ހިނގާ މީހުންނަށް ބްރިޖު ހުޅުވުމަކީ އޭނާ ވެސް ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެއީ މާލޭ ސިތީ ކައުންސިލްގެ ބެލުމުގެ ދަށުގައި ވާ ތަނެއް ނޫން ކަމަށާއި އެމައުލޫމާތު ބްރިޖް ހަވާލުކޮށްފައި ވާ މިނިސްޓްރީ އަކުން ސާފުކުރުމަށް ޑރ. މުއިއްޒު ވަނީ ކެރޮން ޓެގް ކުރައްވާ އެދިވަޑައިގެފައެވެ.

ދޭތެރެ ދޭތެރިން އެކި ކަންކަމާ ގުޅިގެން ދުވެ އަދި ހިނގާ މީހުންނަށް ބްރިޖުގެ ވޯކްވޭ ބަންދު ކުރާ އިރު އެންމެ ފަހުން ބަންދުކޮށްފައި ވަނީ ކޮވިޑާ ގުޅިގެނެނެވެ.

ސިނަމާލޭ ބްރިޖް ހުޅުވާފައި ވަނީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ބްރިޖުގެ ދިގު މިނުގައި ދެ ކިލޯ މީޓަރު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުރެއެވެ. ސިނަމާލެ ބްރިޖު އަޅަން ޗައިނާގެ ހިލޭ އެހީ ހިމެނޭ ގޮތަށް 200 މިލިއަން ޑޮލަރު ހޭދަކުރިއެވެ.