ސ. ހިތަދޫ ކޯޓުގެ އަމުރަށް ހިއުމަން ރައިޓސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނުކިޔަމަންތެރިވި ވާހަކަ އެކޮމިޝަނުން ދޮގުކޮށްފިއެވެ.
މިދިޔަ އަހަރު ރާއްޖެ އެތެރެކުރި 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 10 މީހަކަށް ވަނީ ދައުވާ ކޮށްފައެވެ. ހިތަދޫ ކޯޓުން މި މައްސަލަ ބަލަމުން އައި އިރު ދައުވާ ކުރާ 10 މީހުންގެ ތެރެއިން ދެމީހަކު ބަލި ހާލަތު ހުރި ގޮތް ބަލަން އެޗްއާރްސީއެމަށް ވަނީ އަންގާފައެވެ. އޭގެ ތެރެއިން އެކަކަށް ޑޮކްޓަރުގެ ލަފައާ އެކު ބޭސްފަރުވާ ދެމުންދާ ކަން ކަށަވަރު ކުރުމަށް އެޗްއާރުސީއެމްގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ. އަދި ހައްޔަރު ކުރި މީހަކު ކޮވިޑްގެ ހާލަތާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށް ކަރެކްޝަނުން އެންގުމުން އެކަން ބެލުމަށް ވެސް އެޗްއާރުސީއެމަށްް އަމުރެއް ނެރުނެވެ.
ހިތަދޫ ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނިންމި ނިންމުމުގައި ވަނީ ބޭސްފަރުވާގެ ކަންކަން ބެލުމަށާއި އެ ދެ މީހުން ކޯޓަށް ހާޒިރު ނުކުރެވޭ ފަދަ ސިއްހީ ސަބަބެއް އޮތްތޯ ބެލުމަށް އެޗްއާރުސީއެމްގެ މައްޗަށް ކޯޓުން ނެރުނު އަމުރަށް އެ ކޮމިޝަނުން ތަބާވެފައި ނުވާ ކަމަށެވެ. އަދި އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި އެ ކޮމިޝަނުން މަސައްކަތް ކުރީ އަމުރު މުރާޖައާ ކުރަން ހުށަހަޅައި، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކަމަށް އެ ހިތަދޫ ކޯޓުން ބުނެއެވެ. އަދި އެ މައްސަލަ ކޯޓުން ބަލާ ގޮތަށް ވަނީ ނިންމާފައެވެ.
އެކަމާ ގުޅިގެން އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ގެ 189 ވަނަ މާއްދާގައި ހިއުމަން ރައިޓްސް އެއްވެސް ފަރާތަކަށް ބުރަވުމެއްނެތި، ތައައްސުބުން އެއްކިބާވެ ތިބެކަމަށް ސަރީހަ އިބާރާތުން ބުނެފައިވާއިރު އެކަމަށް ރިޔާޔަތް ކުރުމެއް ނެތި އެ ކޮމިޝަނުގެ މިނިވަންކަމާ މުސްތަގިއްލުކަމާމެދު ސުވާލު އުފެދޭގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރުން އެ ކޮމިޝަންގެ މައްޗަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މާއްދާގައި ކޮމިޝަނަށް ލިބިގެންވާ ބާރުތަކަށް ރިއާޔަތްކޮށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަހުގެ ތެރޭގައި މައްސަލަ ބަލަން އަމުރުކޮށްފައިވުމަކީ، ކޮމިޝަނަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރުތައް ހަނިވެ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.
އެޗްއާރްސީއެމް އިން އިތުރަށް ބުނީ އެ އަމުރުތަކާ ގުޅިގެން ކޮމިޝަނުގެ އެދުމަކަށް ބޭއްވި ބައްދަލުވުމެއްގައި އެއަމުރުކުރަންޖެހުނީ އެ ކޯޓުގައި ސިޓީ ފޯކެޓެއް ނެތުމުންނާ އެ ކޯޓުގައި އޮތީ ހަމައެކަނި އަމުރު ފޯމެޓުކަމަށާއި އަދި މައުލޫމާތު ހޯދުމަށް އެހެނިހެން އިދާރާތަކަށްވެސް އެ ކޯޓުން ފޮނުވަނީ ކޯޓު އަމުރުން ކަމަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހާމަކޮށްފައިވާ ކަމަށެވެ. އަދި ހަވާލާދީފައިވާ އަމުރުތަކުން ހޯދަން އެދިފައިވާފަދަ މައުލޫމާތުތަކަކީ ކޯޓުތަކުން އެ ކޮމިޝަނަށް ލިޔުމުން އެދުމުން، ފޯރުކޮށްދެމުންދާ މައުލޫމާތުތަކެއް ކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެއެވެ.
އެޗްއާރްސީއެމްއިން ބުނީ ހިނގަމުންދާ ޝަރީއަތެއްގައި އެފަދަ މައުލޫމާތަށް އެދުމުން ވެސް، އެ މައުލޫމާތެއް ހޯދުނު އެންމެ އަވަސް މުއްދަތެއްގައި ހޯދާ، އެ ކޮމިޝަނުން އެފަދަ މައުލޫމާތު ކޯޓުތަކަށް ފޯރުކޮށްދީފައިވާ ކަމަށާއި އަދި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މި ކޮމިޝަނަށް ކޮށްފައިވާ ދެ އަމުރުގައި ބަޔާންކޮށްފައިވާ ފަރާތްތަކާގުޅޭ މައްސަލަތައް ކޮމިޝަނުގެ ސަމާލުކަމަށް އައުމުން އެ ކޮމިޝަނުން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެހެންނަމަވެސް، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަހުގެ ތެރޭގައި މައްސަލަ ބަލަން އަމުރުކޮށް އެ ކޮމިޝަނުގެ މައްޗަށް ކޮށްފައިވާ އަމުރަށް ޖުލައި 1، 2021 ގައި ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.
އެޗްއާރްސީއެމް އިން ބުނީ އެ ކޯޓުގެ ރަޖިސްޓްރާގެ ނިންމުން މުރާޖައާ ކުރުމަށްވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު ގެ ބަންދު މުރާޖައާކޮށް ނިންމިގޮތުގައި އެ ކޮމިޝަނުން ސ.ހިތަދޫ ކޯޓުގެ ކޯޓު އަމުރާ އެއްގޮތަށް އަމަލުކޮށްފައިނުވާތީ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރި ވުމުގެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ވެސް އެޗްއާރްސީއެމްއިން ބުނެއެވެ.
އެހެންކަމުން، މިހާރު ކޮމިޝަނުން ދަނީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތްކުރަމުން ކަމަށާއި އެމައްސަލާގައި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުންތަކާ އަމަލުކޮށްފައިވާ ގޮތާމެދު ކޮމިޝަނުގެ ކަންބޮޑުވުންތައް ހުރުމުން އެމައްސަލަ ބަލައިދިނުމަށް އެދި ޖުޑީޝިއަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެޗްއާސީއެމްއއިން ބުނެއެވެ.
އެޗްއާރްސީއެމް އިން ވަނީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް އެ ކޮމިޝަނުން ކުރާ މަސައްކަތް މިނިވަންކަމާއެކު، ތައައްސުބުން އެއްކިބާވެ ތިބެކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.