އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި މިހާރު މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ރަމްޒީ މަގާމަކަށް އައްޔަން ކުރައްވާފައިވާ ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން އަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ކްލަބް ހައުސްގައި އޮތް ސެޝަނެއްގައި ބައިވެރިވެވަޑައިގެން އިލްޔާސް ވިދާޅުވެފައި ވަނީ އޭނާގެ ދަރިކަލުން މެލޭޝިޔާގައި ކިޔަވަން ހުންނާތީ މެލޭޝިއާގައި މަޑު ކުރެއްވުމަށް ވިސާ އެއް ހޯއްދަވަން އެދިވަޑައިގެން އެކަން ނުވެފައި އޮންނާތީ ދިވެހި ސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނެވި ކަމަށެވެ.
މެލޭޝިޔާގެ އެމްބަސީގެ ވަޒީފާއެއްގައި ވެސް ނުހުންނަވާ ކަމަށާއި ހަމައެކަނި ލިޔެކިޔުމުން ވަޒީފާއެއްގައި އޮންނަ ކަމަށް ޖަހާފައި އޮންނަނީ ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވިސާ ހޯއްދެވުމަށް ކަމަށް އިލްޔާސް ވިދާޅުވިއެވެ. މިއާއެކު އެއީ ގާނޫނީ ކުށެއް ކަމަށް ސެޝަންގައި ތިބި ގިނަ ބަޔަކު ވެސް ފާހަގަކުރިއެވެ.
ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވެސް އިންނަވާ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ފަރާތަކަށް ވިސާގެ ބޭނުމަކަށް ކަމަށް ބުނެ އުސޫލުން ބޭރުން ވަޒީފާ ދިނުމާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
ކްލަބްހައުސްގައި ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އެއްފަހަރު އިލްޔާސް ވިދާޅުވީ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާތީ އޭނާ ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކޮށްލައްވަން އެދިވަޑައިގެންފައި ވާނެ ކަމަށެވެ. އަނެއް ފަހަރު ވިދާޅުވީ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާތީ ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކޮށްލައްވަން އެދިވަޑައިގަންނަވާނެ ކަމަށެވެ.
މެލޭޝިއާގެ ގާނޫނުތައް ބުނާ ގޮތުން ތައުލީމް ހާސިލް ކުރަން ތިބޭ ކުދިންގެ މައިންބަފައިންނަށް ވިސާ ދޫކުރަނީ އެކުދިންގެ އުމުރުން 18 އަހަރު ނުފުރޭ ނަމައެވެ. 18 އަހަރު ފުރިފައިވާ ކުދިންނާ އެކު ބެލެނިވެރިން އެގައުމުގައި މަޑުކުރާނަމަ ޖެހެނީ ވަޒީފާއެއް އަދާކުރާށެވެ. ވަޒީފާއެއް އަދާކުރާ ފަރާތްތަކަށް އެމްޕްލޯއީމަންޓް ވިސާ ލިބެއެވެ.
މި މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ވަނީ ހުށަހަޅާފައެވެ.