ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބް އަލުން ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާ ފަށައި މިއަދު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ 241 ކޮމިޓީއަށް ގެންނެވި ބަދަލު އާންމުކުރައްވާފައެވެ.
އެގޮތުން އެމްޑީޕީގެ ފަރާތުން 241 ކޮމިޓީގައި އިންނެވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ބަދަލުގައި އިލިޔާސް ލަބީބް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ބަދަލުގައި އަލީ އާޒިމް ހަމަޖެއްސެވި ކަމަށް އީވާ ވިދާޅުވިއެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް އިލިޔާސް ލަބީބާއި އާޒިމް އަލުން ހަމަޖެއްސިއިރު މީގެ ކުރިން އެ ކޮމިޓީގައި އެ ބޭފުޅުން ތިއްބަވަނިކޮށް ވަގުތީ ގޮތުން ކޮމިޓީން ވަކިކުރީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ 6 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭގޮތުން މަޖިލީހުގެ އިންކުއަރީއެއް ކުރިއަށް ގެންދިއުމަށެވެ.
އެގޮތަށް އެމްޑީޕީ ޕީޖީ ގުރޫޕުން ނިންމީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު އިލްޔާސްއަށް ލިބިވަޑައިގެންނެވި ކަމަށާއި އަދި އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސަމާލުކަމަށް ގެންނެވި ކަމަށް އިލިޔާސް ވިދާޅުވުމުން އިންކުއަރީން އެކަން ބަލަން ބޭނުންވުމުންނެވެ. ނަމަވެސް ފުލުހުން ފަހުން ބުނީ އިލިޔާސް ދެއްވި މައުލޫމާތާއި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުމެއް ނެތް ކަމަށެވެ. އަލީ އާޒިމް ކޮމިޓީން ވަކިކުރީ އިންކުއަރީގެ ބޭނުމަށް އެމްޑީޕީގެ ޕީޖީގެ ތެރެއިން ގާނޫނީ ބޭފުޅަކު ކޮމިޓީ އަށް އައްޔަނުކުރުމުގެ ބޭނުންވުމުންނެވެ.