ނައިފަރުގެ 3 މަޝްރޫއަކާ ގުޅިގެން ސަރުކާރުގެ 3 ވަޒީރަކު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެ ވަޑައިގަތުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށައަޅުއްވައިފިއެވެ.

އެ 3 މިނިސްޓަރަކީ މިނިސްޓާ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ، ހުސެއިން ރަޝީދު ހަސަން، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، މުހައްމަދު އަސްލަމް އަދި މިނިސްޓާ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރުމެންޓް، އަހްމަދު މަހްލޫފެވެ.

މިނިސްޓަރު ހުސެއިން ހާޒިރު ކުރުމަށް ޝިޔާމް ހުށައަޅުއްވާޅާފައި ވަނީ ނައިފަރުގައި އައިސް ޕްލާންޓެއް ގާއިމް ކުރުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނައިފަރުގެ މަސްވެރިންނަށް ވެވަޑައިގެންފައިވާ ވައުދެއް ނަމަވެސް މިހާތަނަށް އައިސް ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް އެއްވެސް ސިފައެއްގައި ކުރިއަށް ނުދާތީ އެ މަސައްކަތް ކުރިއަށް ނުދަނީ ކީއްވެތޯ އާއި މަސައްކަތް ފަށާނެ ތާރީހަކީ ކޮބައިތޯ ސާފު ކުރުމަށެވެ.

ނައިފަރުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ޖޮއިންޓް ވެންޗާ ކުންފުންޏަކާ ހަވާލުކޮށްގެން 85 ފަސެންޓް މަސައްކަތް ނިމިފައި ވަނިކޮށް ސަރުކާރުން އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލާ އޭގެ އެތައް ދުވަހެއް ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެމަސައްކަތް ނިންމުމަށް އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެންވެސް މަސައްކަތް ކުރިއަށް ދާލެއް ލަސްވުމާއި އެކަމުގެ ސަބަބުން ބަޖެޓް ކުރެވިފައިވާ ނައިފަރުގެ މަގުހެދުމުގެ މަސައްކަތް ވެސް ނުފެށި ވާތީ އެކަން ސާފުކުރަން ހާޒިރު ކުރަނީ އަސްލަމް އެވެ. އަދި ނައިފަރުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ނިންމުން ލަސްވަނީ ކީއްވެތޯ އާއި އެމަސައްކަތް ނިމޭނެ އިރަކާއި މިއަހަރަށް ބަޖެޓް ކޮށްފައިވާ ނައިފަރު މަގުހެދުމުގެ މަޝްރޫއު ފެށޭނެ އިރެއް ބެލުމަށް ސުވާލުކުރުމަށް ހަމަޖެހިފައިވަނީވެސް އަސްލަމް އާއެވެ.

މަހްލޫފް މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީވެ ވަޑައިގަތުމަށް ސިޔާމް ހުށައަޅުއްވާފައި ވަނީ ނައިފަރުގައި ޒުވާނުންގެ މަރުކަޒެއް ގާއިމް ކުރުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދެއް ނަމަވެސް ޒުވާނުންގެ މަރުކަޒެއް ގާއިމް ކުރުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދާތީ އެމަސައްކަތް ކުރިއަށް ނުދާ ސަބަބު ހޯދުމާއި މަޝްރޫއުގެ މަސައްކަތް ފަށާނެ ތާރީހު ހޯދުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާއިރު މަޖިލީހުގެ ތެރެއިން ކުރިން ނުފެންނަ ބައެއް ބަދަލުތައް ފެނުމަކީ ވަރަށް ކައިރި ކަމެކެވެ. ސަބަބަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ދެބައިވުމާ ގުޅިގެން އެޕާޓީގެ މަޖިލިސް މެންބަރުން ވެސް ދެބައިވުމާއި، މަޖިލީހުގެ ފަސް މެންބަރަކު ގުޅިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ވާތީއެވެ.