އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ބައްލަވާލުމަށް ރައީސްލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްލާމީ މަރުކަަޒަށް ޒިޔާރަތް ކުރައްވައިފިއެވެ.
ދިވެހިރާއްޖެ އަކީ އެންމެ ފުރަތަމަ ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިސްނެގި ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެ ގޮތުން މިދިޔަ ހަފްތާގައި ރައީސް ސޯލިހު ވަނީ މިހާރު ރާއްޖޭގައި 12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެކްސިން ދެވޭ ވަރަށް ފައިޒާ ވެކްސިންގެ ޑޯޒް ލިބިފައިވާ ކަން ހާމަކުރައްވާފައެވެ. އަދި އޭގެ އިތުރުން ހުރިހާ އުމުރެއްގެ މީީހުންނަށްވެސް ވެކްސިން ދެވޭ ވަރަށް ޑޯޒް ލިބިފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިއަދު ފާށާފައިވާއިރު 19 ސްކޫލެއްގައި ވެކްސިން ޕްރޮގްރާމް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ވަނީ ދަރިވަރުން ވެކްސިން ޖަހަން ކިއުއަކަށް އަރާކަށް ނުޖެހޭނެ ކަމަށާއި ވެކްސިން ޖަހާނީ އެ ދަރިވަރަކަށް ދީފައި އޮތް ވަގުތުގައި ކަމަށް ބުނެފައެވެ. އެގޮތުން 30 މިނެޓު ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ 80 ޕަސެންޓަށްވުރެ ގިނަ މީހުންވަނީ ވެކްސިގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި މިދިޔަ ހަފްތާގެ ނިޔަލަށް 69 ޕަސެންޓަށްވުރެ ގިނަ މީހުންވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.
މިހާރު ކުރިއަށްދާ ވެކްސިން ޕްރޮގްރާމްގެ ސަރުކާރުގެ އަމާޒަކީ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މިމަހުގެ ނިޔަލަށް ވެކްސިން ޖެހުމެވެ.