މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ރައްކާކޮށްފައި ހުރިހާ ޑޭޓާއެއް ޑިލީޓްވެއްޖެއެވެ.

ކަސްޓަމްސްގައި ރައްކާކޮށްފައި ހުރިހާ ޑޭޓާއެއް ޑިލީޓްވެފައިވާ ކަން "ދަ ޕްރެސް" އަށް ވަނީ ކަށަވަރުވެފައެވެ.

ނަމަވެސް ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވަނީ އެއީ ދޮގު ހަބަރެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާ ގުޅިގެން ވަރަށް އަވަހަށް މެސެޖެއް އާންމު ކުރާނެ ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްގެ ހުރިހާ ޑޭޓާތައް ޑިލީޓްވެފައިވާއިރު އޭގެ ތެރޭގައި ހުރިހާ އިންވެސްޓިގޭޝަން ޑޭޓާތަކާ، އޮޑިޓް ޑޭޓާތަކާ، ބޮންޑް ފީސް އަދި ފައިންސްގެ އިތުރުން ޕްރޮމޯޝަން އުސޫލުގެ އޮރިޖިނަލް ފައިލްތައް އަދި ރިސްކް ޕްރޮފައިލް ޑޭޓާތައް ޑިލީތްވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ކަސްޓަމްސްގެ ހުރިހާ ޑޭޓާތައް ޑިލީޓްވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެ ޑޭޓާގެ ބެކަޕް ހުރިކަމެއް ނުވަތަ ނެތް ކަމެއް ސާފެއް ނުވެއެވެ.