ސައުދީ ރަސްގެފާނުގެ އެހީގައި މާލޭގައި ބިނާ ކުރި ސަލްމާން މިސްކިތް ހުޅުވުން އަވަސް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު އެހެން ވިދާޅުވީ ހެންވޭރު މީހުންނަށް ހާއްސަކޮށް ރޭ ބޭއްވި އަވަށު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ ރައީސް އާ ބައްދަލުކުރެއްވި ދުވަހު ސަލްމާން މިސްކިތް އަވަހަށް ހުޅުވައިދޭން ރައީސްގެ އަރިހުގައި އެދިފައިވާ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވެފައިވަނީ މިސްކިތް ހުލުވުން ލަސްވެފައިވަނީ ސައުދީ ވަފުދެއް އައުން ލަސްވަތީ ކަމަށް ޑރ. މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކުތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ. އެ ކުންފުންޏާ އެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގައެވެ.
ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި ކިންގް ސަލްމާން މިސްކިތަކީ އެއްފަހަރާ 6000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރި މިސްކިތެކެވެ. ކިންގް ސަލްމާން މިސްކިތަކީ ޖުމްލަ 4 ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ 41500 އަކަފޫޓުގެ ބޮޑު މިސްކިތެކެވެ.