ދަރުމަވަންތަ ސްކޫލް ކުރިން ހުރި ބިމުގައި ގާއިމްކުރި ސައިކަލު ޕާކިން ޒޯންގެ ބޮޑު ބަޔަކަށް ކާރުތަކެއް ޕާކް ކުރަން ޖެހުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން ދޭ ގެކޮޅު އިމާރާތް ކުރުމަށް ބިން ހުސްކުރަން ޕްރެޝާ ކުރުމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ރޭ ހެންވޭރު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި އާންމުންގެ މީހަކު ވަނީ ދަރުމަވަންތަ ސްކޫލް ކައިރީ ސައިކަލު ޕާކް ކުރުމަށް ހަދާފައިވަ ޕާކިން ޒޯނަށް ވަކި ހާއްސަ ކާރުތަކެއް ޕާކް ކުރަން ޖާގަ ދިން ޝަކުވާ ހިއްސާކޮށްފައެވެ. ހަމައެއާއެކު ވެލާނާ ބިލްޑިންގް އިމާރާތް ހުރި ސަރަހައްދުގައި ހުރި ޕާކިން ޒޯން ނެގި މައްސަލައާ އެކު ހެންވޭރުގައި ޕާކިންގެ ދަތިކަން އެފަރާތުން ހާމަ ކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން މުއިއްޒު ވަނީ އެތަނުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކެއް ޕާކް ކުރަންް ޖެހުނު ސަބަބު ހާމަ ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ، ދަރުމަވަންތަ ސްކޫލް ކުރިން ހުރި ބިމުގައި ހަދާފައިވާ ސައިކަލު ޕާކީން ޒޯނަށް ކާރު ޕާކް ކުރާ ގޮތަށް ހަދަން ޖެހުނީ ދަންޑަހެލު ގޯތި ހުސްކުރަން ސަރުކާރުން އަންގާ އެތަން ހުސްކުރުން ލަސްވެގެން ދެވަނަ ފަހަރަށް އެންގުމުން ކަމަށެވެ.

"ދަރުމަވަންތަ ސްކޫލް ކުރިން ހުރި ބިމުގައި ހަދާފައިވާ ސައިކަލު ޕާކީން ޒޯންގެ ބޮޑު ބައެއް ނަގައިގެން ނޫނީ ނެތޭ މިކަން ވާކަށް. މިއީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ މިސާލުތައް"
މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ދަންޑަހެލު ގޯއްޗަކީ ސުޕްރީމް ކޯޓު ކުރިމަތީ ޕާކިގް ޒޯން ހުންނަ ބިމެވެ. އެ ބިން ހުސްކުރަން ސަރުކާރުން އެންގީ ދައުލަތުގެ އިސްވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މަޝްވަރާކޮށް، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައި ދޭން ނިންމައި މަޖިލީހުގެ ރައީސަށް ދަންޑަހެލު ގޯތީގައި ގެކޮޅު އިމާރާތް ކުރަން ނިންމުމުންވެ.

މުއިއްޒު ވިދާޅުވީ، އެ ބިމުގައި ދައުލަތުގެ އިސް ވެރިއެއްގެ ގެކޮޅު ބިނާ ކުރަން ބޭނުން ވެގެން އެތަން ހުސްކުރަން ސިޓީ ކައުންސިލަށް ދިނީ ވަރަށް ކުޑަ މުއްދަތެއް ކަމަށެވެ. އޭރު އެތަނުގައި ޕާކުކޮށްފައި ހުރި ކާރުތަކަކީ ދަންޑަހެލު ގޯތިން ބިން ކުއްޔަށް ނަގައިގެން ތިބި ބައެއް ކަމުން އެތަން ހުސްކުރާ އިރު އެމީހުންނަށް ތަނެއް ދައްކަން ޖެހޭ ކަމަށެވެ. އެހެންކަމުން އެންމެ ކައިރިން އެ ވެހިކަލްތަކަށް ދެވެން އޮތް ސަރަހައްދުން ބޮޑު ބައެއް ދޭން ޖެހުނީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ގެކޮޅު އިމރާތް ކުރުމަސް ހަމަޖެހިފައިވާ ބިން: ސުޕްރީމް ކޯޓު ހުންނަ ތީމުގޭ ކުރިމައްޗަށްވާ ގޮތަށް އޮތް ޕާކިންޒޯން ހުރި ބިން
"ދަންޑަހެލު ގޯޢްޗަކީ ޕާކިން ސްލޮޓް ވިއްކާފަ ހުރި ތަނެއް. ކުއްޔަށް. އެހެންވީމަ އެމީހުން ކޮންމެވެސް އެހެން ތަނަކަށް ބަދަލު ކުރަން ޖެހޭނެ ދެއްތޯ؟ އެހެންވީމަ އަޅުގަނޑުމެންނަކަށް ނުލިބުނު އެހެން ހިސާބެއް. އެ ކުރު މިއްދަތެއްގައި އެމީހުން ބަދަލުކޮށްލާނެ ތަނެއް. އެހެންވީމަ އަޅުގަނޑުމެން މަޝްވަރާކޮށްލާފަ ނިންމާލީ."
މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން ވެލާނާގޭ ކުރިމާތިގައި ޕާކް ކުރުން މަނާ ކުރުމުން ރައްޔިތުން ހިއްސާކުރި ޝަކުވާއަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، އެކަން އޭނާއަށް ކުރަން މަޖުބޫރު ކުރިވީ ސަރުކާރުން ކަމަށެވެ. އެ ސަރަހައްދުގައި އޮތް ޕާކިން ޒޯނެއް ނަގައިފި ނަމަ އޮފީސްތަކަށް ދާ މީހުންނަށް ދަތިވާނެ ކަން އެނގިވަޑައިގަންންވާ ކަމަށާއި އެކަން ކުރަން ސަރުކާރުން ބާރު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރެއްގެ ގޮތުގައި ނުކުމެވަޑައިގެން ހުންނެވި އިރު ސަރުކާރާ ގުޅިގެން ކަންކަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި ޕާކިން ޒޯން މައްސަލައިގައި ހުށަހެޅި ޝަކުވާތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ފެނިގެން މި ދަނީ ސަރުކާރަށް އެއްބާރުލުން ދީގެން ކަން ކުރުމުގެ މިސާލުތައް ކަމަށެވެ.