ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 3.197 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އައި އެގައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަތީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިންނެވެ.

ކަސްޓަމްސް އިން ބުނީ މިއަދު މެންދުރުފަހު ރާއްޖެ އައި އުމުރުން 31 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަމަލުތައް ހުރިގޮތުން އެމީހާއާ މެދު ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރި އިރު ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފާ ކަމަށެވެ،

އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.197 ކިލޯގުރާމް ހުއްޓެވެ. މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 15,985,000 (ފަނަރަ މިލިއަން ނުވަލައްކަ އަށްޑިހަ ފަސްހާސް) ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލު ކޮށްފައެވެ.