ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނީ ރާޅަކާ ކުރިމަތިލާން ޖެހުނު އަވަށްޓެރި އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރު ވަމުން އަންނަ ޗައިނާގެ ރައްޔިތުން ގެތަކުގައި ބޭތިއްބުމަށް އެ ގައުމުގެ އޮފިޝަލުން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމު ވެއްޖެއެވެ.

ވެއިބޯ، ޓްވިޓާ އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ، ހެޒްމެޓް ސޫޓުގައި ތިބި މަސައްކަތްތެރިން، އާންމުން ގެތަކުގައި ބަންދު ކުރުމަށްޓަކާ ދަގަނޑު ތޭރި ޖެހި ދޮރޯށިތަކެއް ބަންދު ކުރަމުން ދާ މަންޒަރެވެ.

ޓައިވާންގެ ނޫހަކުން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، 3 ފަހަރަށް ވުރެ ގިނައިން ގެއެއްގެ ދޮރު ހުޅުވައިފިނަމަ، ކަމާ ބެހޭ ފަރާތްތަކުން، އެ ގެއެއްގެ ބަޔަކު، ގޭ ބަންދު ކުރެއެވެ. މިކަން ކުރަނީ ގެތަކުގެ ބޭރުގައި، ދަގަނޑު ހުރަސްވާ ގޮތަށް ހަރުކޮށްގެން ކަން، ޓްވިޓާގައި އާންމުވެފައި ވާ ފޮޓޯއަކުން ހާމަވެއެވެ.

ޗައިނާއަކީ ކޮވިޑް-19ގެ ކޭސްތައް ދުވަހުން ދުވަހަށް ރިޕޯޓް ކުރާ ގައުމަކަށް ނުވާއިރު، ހޯމަ ދުވަހު އެ ގައުމުން 143 ކޭސް ރިޕޯޓް ކުރި ކަން ފާހަގަ ކުރަން ޖެހެއެވެ. މިއީ އޭގެ ކުރި ދުވަހާ އަޅާ ބަލާއިރު 125 ކޭސް އިތުރު އަދަދެކެވެ.

ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ގައުމުން މި ފަހަކަށް އައިސް ފެންނަމުންދާ ކްލަސްޓާތަކުގެ ޒިންމާ އުފުލަން ޖެހެނީ ޑެލްޓާ ވޭރިއަންޓުންނެވެ.