މިމަހު 21 ވަނަ ދުވަހުން ފެށިގެން ގޭބީސީތަކަށް ވަދެ ކުނި ނަގަން ފަށާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު އެހެން ވިދާޅުވީ މާފަންނުގެ މީހުންނަށް ހާއްސަކޮށް ރޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ރަނގަޅު ވަމުން އަންނާތީ ކަމަށެވެ.

އެ ބަދަލާ އެކު، މަގުމަތީގައި ކުނި ކޮތަޅުތައް ބަހައްޓާފަ ހުރުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވުވިއެވެ.

އޭރުން މަގުމަތީގައި ކުނި ނެރެ ބެހެއްޓީމާ އެ ދިމާވާ އުނދަގޫތަކާއި ދަތިތަކުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން އެބަދޭ
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ޑރ. މުއިއްޒު ވިދާޅުވީ އެކަމާ ގުޅޭގޮތުން ވެމްކޯއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކޮވިޑާ ގުޅިގެން ގޭގެއިން އުކައިލާ ކުނި ބަހައްޓަން ޖެހެނީ މަގުމައްޗަށް ނެރެފައެވެ. އެގޮތުން ކުނި ނަގަން ވެމްކޯއިން އަންގާފައިވާ ގަޑިތަކުގައި ކުނިތައް މަގުމައްޗަށް ނެރުމުން ވެމްކޯގެ މުވައްޒަފުން ކުނިތައް ނަގައެވެ.