މާލޭ ސިޓީގެ ހުރިހާ މިސްކިތްތަކެއް ސީސީޓީވީ ނެޓްވޯކަކުން ގުޅާލަން ނިންމާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު އެހެން ވިދާޅުވީ މާފަންނުގެ މީހުންނަށް ހާއްސަކޮށް ރޭ ބޭއްވި އަވަށު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ މުޅި މާލެ ސީސީޓީވީން ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން ސީސީޓީވީ ނެޓްވޯކުން މިސްކިތްތައް ގުޅާލުމަށް ނިންމާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލަރުންގެ ބައްދަލުވުމުގައި އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަން ފާހަގަކޮށް ޑރ. މުއިއްޒު ވިދާޅުވީ އެ ނިޒާމު މައިގަނޑު ގޮތެއްގައި ބަލަހައްޓާނީ ކައުންސިލުން ކަމަށެވެ.

އޭގެ އިތުރުން އެކަމާ ގުޅިގެން ފުލުހުންނާ މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޕޮލިހުންގެ އެހީތެރިކަމާ އެކީ މުޅި މާލޭގައި ހުރި 40 އަކަށް މިސްކިތް ސާވޭ ކޮށް، ކޮންމެ މިސްކިތެއްގައި ކެމެރާ ހަރުކުރާނެ ތަންތަނާ ހަރުކުރާނެ ބާވަތާ އެ ހުރިހާ ކަމެއް ބަލާ އަންދާޒާ ކޮށްފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފައްޓަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.