ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އަލަށް ހުވާކުރާ ކައުންސިލަރުން މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވައިލަން މަޖުބޫރު ކޮށްފައި އޮތަސް، ކޮވިޑުގެ ހާލަތާ ގުޅިގެން އެ މުއްދަތު އިތުރުކޮށްފިއެވެ.
އެލްޖީއޭ އިން ކައުންސިލްތަކަށް ފޮނުވި ސިޓީއެއްގައި ބުނީ ގާނޫނުގައިވާ ގޮތުގެ މަތިން ތަރައްގީގެ ޕްލޭން އެކުލަވައިލަން ޖެހޭނީ ރަށުގެ ރައްޔިތުންނާއި ކަމާ ގުޅޭ އެންމެންގެ މަޝްވަރާ އާއި އެ މީހުންގެ ހިޔާލު ހިމަނައިގެން ކަމަށް ވިޔަސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެ ކަމަށް ހާލަތު ތަން ދީފައި ނެތް ކަމަށެވެ.
ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށް، ލޮކްޑައުން ކުރުމާއި އަތޮޅު ތެރެއިން ވެސް އެ ބަލި ފެނި ގިނަ ރަށްތަކެއް މޮނިޓަރިން އަށް ލުމާ ގުޅިގެން އެފަދަ ބައްދަލުވުންތައް ބޭއްވޭ ފަދަ މާހައުލެއް ނެތުމުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކަށް ޕްލޭނު ނިންމުމަށް ކައުންސިލްތަކަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައި ވާ ކަމަށް އެ ސިޓީގައި ވެއެވެ.
ގާނޫނަށް ގެނައި ބަދަލުތަކުގެ ދަށުން ފުރަތަމަ ފަހަރަށް އިންތިހާބުކުރި ކައުންސިލަރުން ހުވާ ކުރެއްވީ މި އަހަރުގެ މޭ 17 ގައެވެ. ލާމަރުކަޒީ ގާނޫނަށް ފަހުން ގެނައި އިސްލާހުގައިވާ ގޮތުން ތިން މަސް ދުވަހުގެ ތެރޭގައި ރަށުގެ ތަރައްގީގެ ޕްލޭން ނިންމަން ޖެހޭނެއެވެ.
އެލްޖީއޭއިން ބުނީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އާއި އެ އޮތޯރިޓީގެ މަޝްވަރާގެ މަތިން އެ ގާނޫނުގައި ކައުންސިލްތަކުން ވަކި ތާރީހުތަކަކަށް ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކަށް އިތުރު މުއްދަތުތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ތަރައްގީގެ ޕްލޭނު އެކުލަވާލައި ހުށަހަޅަންޖެހޭ މުއްދަތު ވެސް އިތުރު ކޮށްފައިވާ ކަމަށެވެ.
އަދި މި ގޮތަށް މުއްދަތު އިތުރު ކުރުމުގައި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 43 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ހަމައަށް ރިޔާއަތް ކޮށްފައި ވާނެ ކަމަށް އެލްޖީއޭއިން ބުނެއެވެ.
އެގޮތުން މިހާރު ކައުންސިލްތަކުގެ މަސައްކަތް މިންކޮށް ރޭންކު ކުރުމަށް އެލްޖީއޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ތައްޔާރު ކޮށް ހުށަހަޅަން ޖެހޭ ޕްލޭން ހުށަހަޅަން ޖެހޭ ފަހު ތާރީހަކީ އަންނަ ނޮވެންބަރު 30 އެވެ.