އުރީދޫ މޯލްޑިވްސްއިން "ގިވް ބްލަޑް އެންޑް ސޭވް ލައިވްސް" ގެ ނަމުގައި ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އުރީދޫ އިން ބުނީ އުރީދޫ އާއި މޯލްޑިވްސް ރެޑް ކްރެސެންޓް އަދި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން މި ކޭންޕް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އެ މި ކޭންޕް ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 9 ފެށިގެން ހަވީރު 6 ޖެހުމާއި ހަމައަަށް ތެލެސީމިއާ ސެންޓަރުގައެވެ.

އުރީދޫ އިން ވަނީ މި ކޭންޕްގައި ބައިވެރިވެ ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާފަައެވެ. އުރީދޫއިން ބުނީ https://t.co/YRHFRxUUEP?amp=1 މި ލިންކް މެދުވެރިކޮށް މި ކޭންޕްގައި ބައިވެރިވެވޭނެ ކަމަށެވެ.

ދިވެހިރާއްޖޭގައި ގިނަ ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓާ ވެފައިވާއިރު، ފާއިތުވެދިޔަ އަހަރުތަކުގައި ތެލެސީމިޔާ ކުދިން ދަނީ އިތުރުވަމުންނެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއިން ދަނީ ތެލެސީމިއާ އާއިމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ސަޕޯޓްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.