ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކޮށްގެން 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އިފް މޯލްޑިވްސް (އެފްއޭއެމް) އިން ބުދަ ދުވަހު ވަނީ ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކުރަން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައެވެ. ލޯގޯ ފަރުމާކުރުމާއި ބްރޭންޑިންނަށް އާންމުކޮށް ހުޅުވާލި ފުރުސަތު ކުރިއަށްދާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ލީގުގެ ލޯގޯ ފަރުމާކުރުން މުބާރާތެއް މެދުވެރިކޮށް އާންމުންނަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ. ބުދަ ދުވަހުގެރޭ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވަނީ މިއީ ރާއްޖޭގައި ހަރަކާތްތެރިވާ އާޓް އާއި ޑިޒައިނަށް ޝައުގުވެރިވާ މީހުންނަށް އޮތް ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ. ލޯގޯ ފަރުމާކޮށްގެން އެއްވަނައަށްދާ މީހަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު އެ މީހަކާއެކު ހާއްސަ އެއްބަސްވުމެއް ހަދާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ލޯގޯގެ ކޮޕީރައިޓްސް އެފްއޭއެމަށް ލިބޭ ގޮތަށް ސޮއިކުރާނެއެވެ.

މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެއެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ލީގު ދިވެހި ޕްރިމިއާ ލީގުގެ ނަަމަށް ރީބްރޭންޑް ކުރީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް ލޯގޯގެ ފަރުމާއަށް ބަދަލުތަކެއް އައިސްފައެއް ނުވެއެވެ.

މީގެ ކުރިން ގައުމީ ޓީމުގެ ޖާޒީ ފަރުމާ ކުރުމަށްވެސް އާންމުންނަށް ވަނީ ހުޅުވާލައިފައެވެ. އެފަހަރުވެސް ރާއްޖޭގެ ގިނަ ޑިޒައިނަރުންތަކެއްގެ ހުނަރުވެރިކަން ފެނިގެން ގޮސްފައިވެއެވެ.