އާންމުންނަށް އާންމު ތަންތަނުގައި ފަސޭހައިން ބޯފެން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ފެން ކުންފުނި މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި އެންވާރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއާ ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މިއަދު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާރު ހަސަން ޝާހު، އެންވާރަމަންޓް މިނިސްޓަރާ އެކު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ކުރިމަގުގައި އާންމު ތަންތަނުގައި ސާފު ބޯފެން ލިބޭ ގޮތް ހަމަޖެއްސުމާ ގުޅޭ ގޮތުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މީގެ އިތުރުން ވެސް އެއްފަހަރު ބޭނުން ކޮށްފައި އެއްލަލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވެމުން ދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައި ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެމްޑަބްލިއުއެސްސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕްލާސްޓިކް މަދުކުރުމާއި ރަށްރަށުގައި ހިންގާ ޕްރޮޖެކްތްތަކުގައި އެ ރަށެއްގެ މުވައްޒަފުންނަށް ވަޒޫފާގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.

26 އަހަރު ވަންދެން ހިދުމަތް ދެމުން އަންނަ އެމްޑަބްލިއުއެސްސީން މި އަހަރު 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ބާރު ސްޕީޑްގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް މިހާރު ފަށާފައިވާ އިރު ދެން ހުރި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

އެގޮތުން ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން ހުރި ރަށްރަށުގެ މަސައްކަތްތައް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި ހަމައެކަނި ފެނުގެ މަސައްކަތް ނިންމަން ޖެހޭ ރަށްރަށުގެ މަސައްކަތް 12 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.