ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމަނިކުފާނު އަތްޕުޅުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ވެރިކަން ކުރާއިރު މަޖިލީހުގެ މެޖޯރިޓީ އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން އެ މެޖޯރިޓީ ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
މަޖިލީހުގެ ތާރީހުގައި ވެސް އެއް ޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބުނީ 2019 ގެ އިންތިހާބުގައެވެ. އެކި ދާއިރާތަކުން ވާދަކޮށް 65 ގޮނޑި އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް ރައީސް މިފަދައިން ވިދާޅުވިއިރު އެމްޑީޕީ ތެރޭގައި ވަނީ ބައިބައިވުމުގެ އަޑުގަދަވެފައެވެ. އެމްޑީޕީގެ ތެރޭގައި ވަނީ ދެ ފެކްޝަންއެއް އެފެދިފައެވެ.
މިދިޔަ އަހަރު ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ރައީސް ނަޝީދު އިސްކޮން ހުންނަވައިގެން ވަނީ މަސައްކަތްކޮށްފައެެވެ. އަދި އެ ޕެޓިޝަންގައި ސޮއި ކޮށްފައިވަނީ 23 މެމްބަރެކެވެ. އެހެން ކަމުން ބާކީ ތިބި މަޖިލީހުގެ މެމްބަރުން ބުރަވަނީ ރައީސް ސޯލިހަށެވެ. މޭ 6 ގެ ހަމަލާއަށްފަހު ކުއްލި ނުރައްކާ އިއުލާން ކުރުމަށް ހުށަހެޅި ގަރާރު ވެސް ރައީސް ނަޝީދަށް ކާމިޔާބު ނުވުމާއި މަޖިލީހުގައި ރައީސް ނަޝީދުގެ މެޖޯރިޓީ ނެތުމުގެ ސަބަބުން އެމަނިކުފާނު ބޭނުންފުޅުވާ ގިނަ ކަންތައްތަކެއް ވަނީ ނުކުރެވިފައެވެ.
ކުރިން ވެސް ފެނިގެން ގޮސްފައިވަނީ މަޖިލީހުގެ މެޖޯރިޓީ ނެތި ސަރުކާރުތައް ހިންގަން އުނދަގޫވި ތަން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތިން އަހަރާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅު އެ އުނދަގޫތައް ސަރުކާރަށް ވަމުން ދިޔަ މަންޒަރު ފެނުނު ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މި ސަރުކާރަށް ރައްޔިތުންނަށް އެހާ އޮމާންކޮށް ހިދުމަތްތައް ފޯރުކޮށްދެވެނީ ވެސް މަޖިލީހުގެ މެޖޯރިޓީ އޮތުމުންނެވެ.
ރައީސް ސޯލިހު މިއަދު ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ދެވަނަ ދައުރަކަށް ފުރުސަތު އެމަނިކުފާނަށް ވެސް އޮތް ކަމަށެވެ.
ރައީސް ސޯލިހު އެގޮތަށް ވިދާޅުވެފައިވާއިރު އަންނަ ރިޔާސީ އިންތިހާބަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިއުލާނު ކުރައްވާފައެވެ.
ކާންދޭއަތުގައި ދަތްއެޅުން
ބަރާބަރު