ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ރާއްޖެ ވަޑައިގަންނަވަން އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެެވެ.

ރައީސް އެހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ ނަޝީދަށް މޭ ހައެއްގައި ލިބުނު އަނިޔާތަކުން ފަސޭހަފުޅު ވެ، މިނިވަންކަމާ އެކީ ރާއްޖޭގެ ދިރިއުޅުއްވޭ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅު ވެލައްވާ ކަމަށެވެ. އަދި އެއްވެސް ހުރަހެއް އެކަމަށް ނާޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު އެދެނީ ރައީސް ނަޝީދު ވީހާވެސް އަވަހަކަށް އަނބުރާ ވަޑައިގެން ގައުމަށް ހިދުމަތް ކުރުމާ ގުޅިވަޑައިގަތުން. ސަރުކާރުންނާއި އެމްއެންޑީއެފުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް، ހުރިހާ ރައްކާތެރިކަމެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުު

ރައީސް ސޯލިހު އެވާހަކަ އެހެން ވިދާޅުވި އިރު، ރައީސް ނަޝީދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން، މެއި 6 ގެ ހާދިސާއާ ގުޅިގެން ތައްޔާރު ކުރި ރިޕޯޓާ ގުޅިގެން ސަރުކާރުން އަމަލު ކުރާ ގޮތް އެނގިވަޑައިނުގަންނަވަނީސް ރާއްޖެ ވަޑައިގަތުން ބުއްދި ނޫން ކަމަށް ވިދާޅުވެފައެވެ. ނަޝީދު އެހެން ވިދާޅުވި އިރު، އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފާއި ނަޝީދުގެ އާއިލާއިން ވިދާޅުވެފައި ވަނީ ހަމަ އެފަދައިންނެވެ.

ރައީސް ނަޝީދު މިހާރު ހުންނެވީ، މެއި 6، 2021 ގައި މާލޭގައި ބަޔަކު އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައެވެ. މެއި 6 ގެ ހަމަލާގައި އެމަނިކުފާނަށް ވަނީ ގިނަ ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ. އެ ޒަހަމްތަކަށް މާލޭގެ އޭޑީކޭއިން ފަރުވާ ހޯއްދެވުމަށް ފަހު ޖަރުމަނުވިލާތަށް ވަޑައިގެން އެގައުމުންވެސް ފަރުވާ ހޯއްދެވިއެވެ.