ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް، އެމީހާއަށް ބިރު ދައްކާ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ދޫކޮށްލައިފިއެވެ.

އެ މައްސަަލައިގައި ހައްޔަރު ކުރީ ހދ. ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީ އާއި، ހދ. ކުޅުދުއްފުށި، ސެޓްލައިޓް، މުހައްމަދު އާދަމް އެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލާގެ ތަހުގީގުގެ މަރުހަލާ ނިއްމާ މިހާރު ކުރިއަށް ދަނީ ޝަރީއަތުގެ މަރުހަލާ ކަމަށެވެ. އެހެން ކަމުން އެ ދެ މީހުން މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.

އެ ދެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އެމީހުންގެ މައްޗަށް ކުރާ ދައުވާތަކަކީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ ކަަމަށް ޕީޖީން ބުނެއެވެ.

އުމުރުން 29 އަހަރުގެ އަހްމަދު އިބްރާހިމް ރަހީނުކޮށް ކާރެއްގައި ގެންގޮސް ޒަހަމް ކޮށްލާ އެއްލާލާފައި އޮއްވާ ފެނުނީ މޭ މަހުގެ 29 ވަނަ ދުވަހު އެވެ.

ރަހީނުކޮށް އަނިޔާ ލިބުނު މީހާގެ އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުން އޭނާގެ ބޮލުގެ އޮޕްރޭޝަނެއް ވަނީ ކޮށްފައެވެ.

އޭނާގެ ބޮލުގެ ނާށިގަނޑު ފުނޑު ފުނޑުވެފައިވާ ކަމަށް އޮޕަރޭޝަނަށް ފަހު ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ. އޭގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ބޮލުގެ ނާށިގަނޑު ނަގާ، އާޓިފިޝަލް ނާށިގަނޑެއް ލައްވާފައިވާ ކަމަށް ވެސް އާއިލާއިން ބުނެއެވެ.