މި ހިނގާ 21 ވަނަ ގަރުނު ނިމޭއިރު، އަވަށްޓެރި އިންޑިއާގެ އައްސޭރިފަށުގެ ސިޓީތަކެއް، 2.7 ފޫޓު އަޑިއަށް ޣަރަގު ވެދާނެ ކަމުގެ އިންޒާރު، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ދީފިއެވެ.
ނާސާއިން ވަނީ، އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖު (އައިޕީސީސީ) އިން އާންމު ކުރި ތަފްސީލީ ރިޕޯޓުގައި، ކަނޑުގެ ލޮނުގަނޑަށް އަންނަ އުސްމިނުގެ ދާއިރާތައް މުރާޖާ ކޮށްފައެވެ.
ކުރިއަށް އޮތް ތަނުގައި ކަނޑުގެ ލޮނުގަނޑަށް އަންނާނެ ކަމަށް ލަފާ ކުރާ ބަދަލުތައް ދެނެ ގަންނަނީ ސެޓެލައިޓްގެ އިތުރުން ދުނިޔޭގެ ސަތަހާގައި ވާ އާލާތްތައް ބޭނުން ކޮށްގެންވެ. މީގެ އިތުރުން ކޮމްޕިއުޓާ އެނާލިސިސްތަކާ ސިމިއުލޭޝަންތައްވެސް ބޭނުން ކުރެއެވެ.
މި ގަރުނު ނިމޭއިރު އިންޑިއާގެ އައްސޭރިފަށުގެ ސަރަހައްދުން ޣަރަގު ވާނެ ކަމަށް ނާސާއިން ލަފާ ކޮށްފައި ވާ ސަރަހައްދުތަކުގެ ތެރޭގައި ބާވްނަގަރު، މެންގަލޯ، ޕްރަދީޕު، ވިސާކަޕަޓްނަމް، ޗެންނާއީ، ޓުޓިކޮރިން، ކޮޗިން އަދި މުމްބާއީވެސް ހިމެނެއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ދުނިޔެ ހޫނުވުމެވެ. 1850 – 1900 ވަނަ އަހަރާ ދެމެދު، ދުނިޔޭގެ ސަތަހައިގެ ފިނިހޫނު މިން، 1.1 ޑިގްރީ ސެލްސިއަސް މައްޗަށް ޖެހިފައި ވާއިރު، މިއީ މީގެ 125000 ކުރިން ފެށިގެން ދުނިޔެ ދެކެފައި ވާ މިންވަރެއް ނޫނެވެ.