ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް މީޑިއާ އެޕްލިކޭޝަންގެ ގޮތުގައި ސިފަ ކުރަމުން އަންނަ ފޭސްބުކްގެ މެސެންޖާ އެޕްލިކޭޝަން ވައްޓާލުމަށްފަހު، ނިމިދިޔަ 2020 ވަނަ އަހަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ އަދަދަކަށް ޑައުންލޯޑް ކުރި އެޕްގެ މަގާމު، ޓިކްޓޮކްއިން ކަށަވަރު ކޮށްފިއެވެ.

ޑިޖިޓަލް އެނަލެޓިކްސް ކުންފުނި، އެޕް އޭނީގެ ޗާޓަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ޑައުންލޯޑް ކުރި 5 އެޕްގެ ތެރޭގައި ހިމެނޭ އެޕްތަކުގެ ތެރެއިން، ފޭސްބުކް ކުންފުންޏަށް މިލްކުވެގެން ނުވާ ހަމަ އެކަނި އެޕްލިކޭޝަނަކީވެސް ޓިކްޓޮކްއެވެ. 2018 ވަނަ އަހަރުން ފެށިގެން ޗާޓު ކޮންޓްރޯލް ކުރަނީ ފޭސްބުކްގެ ބެލެނިވެރިކަމުގެ ދަށުގައި ވާ ކުންފުނިތަކުންނެވެ.

ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ މިލްކެއް ކަމުގައި ވާ ޓިކްޓޮކްގެ މަގުބޫލުކަން، ބައިނަލްއަގުވާމީ މައިދާނުގައި ކުއްލިއަކަށް އިތުރުވީ، އެ އެޕްލިކޭޝަން ބޭނުން ކުރުން މަނާ ކުރުމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް މަސައްކަތްޕުޅު ފެއްޓެވި ހިސާބުންނެވެ.

މި އަހަރުގެ ޗާޓަށް ބަލާއިރު ޓިކްޓޮކްގެ ފަހަތުން ދެން އުޅެނީ ފޭސްބުކް، ވަޓްސްއެޕް، އިންސްޓަގްރާމް އަދި ފޭސްބުކް މެސެންޖާއެވެ.

ޓިކްޓޮކް" އިން ވަނީ، ސްނެޕްޗެޓާއި ފޭސްބުކް އަދި އިންސްޓަގްރާމްގައި ހުންނަ ފަދަ ގެއްލޭ ވީޑިއޯ ނުވަތަ ވެނިޝިންގް ވީޑިއޯ ފީޗާ ޓެސްޓު ކުރަން ފަށާފައެވެ. ވީޑީއޯ ޕޯސްޓް ކުރާތާ 24 ގަޑިއިރު ވުމުން، އެ ވީޑިއޯއެއް ޑިލީޓް ކުރެވޭ ފީޗާ ޓެސްޓު ކުރުމުގެ މަސައްކަތް ޓިކްޓޮކުން ފަށާފައި ވާއިރު، ވަޓްސްއެޕްއިން ވެސް ވަނީ މިފަދަ ފީޗާއެއް ޓެސްޓު ކުރަން ފަށާފައެވެ.

އިތުރު ޕްލެޓްފޯމްތަކުން މި ފީޗާ ތައާރަފު ކުރަމުން ދާއިރު، ކުޑަކުދިންގެ ރައްކާތެރި ކަމަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ، މިއީ ނުރައްކާތެރި ފީޗާއެއް ކަމަށާ، މިއީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ކޭސްތައް އޮއްބާލުމަށް އެހީވެދޭނެ ފީޗާއެއް ކަމަށް ބުނެ، މި ފީޗާއާ ދެކޮޅަށް އަޑުއުފުލަމުންނެވެ.