މި މަސް ނިމުމުގެ ކުރިން 12 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމުމަކީ އަމާޒެއް ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދީރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށްޓަކައި މިއަދު ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، 12 އަހަރާއި 17 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް، ކޮވިޑް ވެކްސިން ޖެހުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ ގޮތުން މި މަސް ނިމުމުގެ ކުރިން 12 އަހަރުން މަތީގެ ކުދިންނަށް ފުރަތަމަ ޑޯޒް ޖަހާ ނިންމާލުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި ކަމުގައި ބެލެނިވެރިން ފުރިހަމަ އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގަތެވެ.

"12 އަހަރާއި 17 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް، ކޮވިޑް ވެކްސިން ޖެހުމުގެ ހާއްސަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން. ސަރުކާރުގެ މިހާރުގެ އަމާޒަކީ، މި މަސް ނިމުމުގެ ކުރިން، ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުން. މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވައި، ތިޔަބޭފުޅުންގެ ތުއްތުކުދިންނަށް ވެކްސިން ޖައްސަވައިދެއްވުމަށް، ހުރިހާ ބެލެނިވެރިންނާއި، މައިންބަފައިންގެ އަރިހުން އަޅުގަނޑު އެދެން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ސްކޫލްތަކުގެ ކިޔެވުން ފެށިގެންދާ އިރު، ކޮވިޑުން ރައްކާތެރިވުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން، ވަރަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައިވާކަން އެމަނިކުފާނު ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެ އުސޫލުތަކަށް ހުރިހާ ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުން ވެސް ފުރިހަމައަށް އަމަލު ކުރުމަކީ، ކިޔެވުން މެދުކަނޑާ ނުލައި ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑުގެ ނުރައްކާތެރި ވަބާއިން ރާއްޖެއަށް ރައްކާތެރިކަން ލިބިގެން ދާނީ، އެންމެން އެކުގައި ކުރާ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ. ކޮވިޑުން ރައްކާތެރިވުމުގައި އެންމެ ބޮޑު ބުރައެއް އުފުލާ ބަޔަކީ، ސިއްހީ ހިދުމަތްތެރިންނާއި، ދިވެހި ފުލުހުންނާއި، ދިވެހި ސިފައިން، އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތައް ކަމަށް ރައީސް ވިދާޅުވިއެވެ. އެމީހުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ފަރާތްތަކަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ރައީސް ސޯލިހުގެ ވާހަފުޅު ނިންމަވާލައްވަމުން ވަނީ ދިރާސީ އާ އަހަރުގެ މުނާސަބަތުގައި، ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށާއި ހުރިހާ ދަރިވަރުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރައްވާފައެވެ. އަދި އިސްލާމްދީނުގެ ސައްހަ އަގީދާގައި ދިވެހިންގެ ހިތްތައް ސާބިތު ކުރައްވައި، ދެ ދުނިޔޭގައި ވެސް ފައިދާ ހުރި އިލްމުތައް އުނގެނުމުގެ ހެޔޮ ތައުފީގު ރާއްޖޭގެ އެންމެހައި ދަރިވަރުންނަށް މިންވަރު ކުރެއްވުމަށް އެދޭ ކަމަށް ރައީސް ވިދާޅުވިއެެވެ.