ނުރައްކާތެރި އެންތުރެކްސް ނިއުމޯނިއާގެ ކޭހެއް، ޗައިނާއިން ފެނި، އެ ޕޭޝަންޓު ކަރަންޓީނުކޮށް، ފަރުވާ ދެމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.

ޗައިނާގެ ވެރިރަށް ބެއިޖީންގަށް ޕޭޝަންޓު ބަދަލު ކޮށްފައި ވަނީ މީގެ 4 ވަރަކަށް ދުވަސް ކުރިން، ބަލީގެ އަލާމާތްތަކެއް ފެނިގެން ކަމަށް މައުލުމާތު ލިބެއެވެ.

އެންތުރެކްސް ނިއުމޯނިއާ ޕޭޝަންޓަކީ ޗެންގްދޭ ހޭބޭއި ޕްރޮވިންސަށް ނިސްބަތްވާ މީހެއް ކަމަށާ، އެމީހަކީ ނާމްސޫފިތަކަކާ ކޮންޓެކްޓް ވެފައި ވާ މީހެއް ކަމަށާ، މީގެ އިތުރުން، އެ ޖަނަވާރުތަކުގެ ބައެއް އުފެއްދުންތަކާ ވެސް ކޮންޓެކްޓް ވެފައި ވާ މީހެއް ކަމަށް ހަބަރު ލިބެއެވެ.

ނާމްސޫފީގެ ބައެއް ވައްތަރުތަކަކީ އެންތުރެކްސްއަށް ހުށަހެޅިފައިވާ ޖަނަވާރުތަކެކެވެ. އިންސާނުންގެ ހަށިގަނޑަށް މި ބަލި އަރަނީ، އިންފެކްޓް ވެފައި ވާ ޖަނަވާރެއް ނުވަތަ އެއްޗެއްގައި ޖެހި، ކޮންޓެކްޓް ވާ ހިސާބުންނެވެ.

ބެއިޖީންގެ ސީޑީސީއިން ހަބަރު ދޭ ގޮތުގައި، އެންމެ އާންމުކޮށް އިންފެކްޝަން ފެތުރެނީ ހަމުގައި ޖެހި، ކޮންޓެކްޓް ވެގެންނެވެ. މި ބަލި ޖެހުމުން ހަމުގައި ފޮޅުލާ ގޮތްވެ، ހަންގަނޑަށް މައްސަލަތަކެއް ކުރިމަތިވެއެވެ.

އެންތުރެކްސް ނިއުމޯނިއާއަކީ ބަލީގެ އެންމެ ސީރިއަސް އިންފެކްޝަނެވެ. މި ދަރަޖައަށް ދަނީ، ބެސިލަސް އެންތުރޭސިސް ނަމަކަށް ކިއާ ބެކްޓީރިއާއެއް އެކުލެވޭ ހިރަފުސް ޒާތުގެ ކުނޑި، ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑަށް ގޮސްގެންނެވެ.

އިންފެކްޓްވެފައިވާ ކާބޯތަކެތި ބޭނުން ކުރުމުގެ ސަބަބުން، ގޮހުރުގެ އެންތުރެކްސް ޖެހެއެވެ. ގޮހުރުގެ އެންތުރެކްސް ޖެހުމުން، މޭ ނުބައި ކުރުން، ހޮޑުލުން އަދި ބޭރަށް ހިންގުން ފަދަ އަލާމާތްތައް ފެނެއެވެ.

އެންތުރެކްސްއަކީ އެއް އިންސާނެއްގެ ކިބައިން އަނެއް އިންސާނަކަށް ފެތުރޭ ބައްޔެއް ނަމަވެސް، މިއީ، މިއަދު ކުރިމަތިލާން ޖެހިފައި ވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށް މައުލުމާތު ލިބެއެވެ.