ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން، ކަނޑުދަތުރު ފަތުރުގެ ޓްރެފިކް ފްލޯ ދަށްވި ކަމުގައި ވީ ނަމަވެސް، ކަނޑުފޭރުމާއި ހަތިޔާރުގެ ބިރު ދައްކައިގެން ވައްކަން ކުރުން ފަދަ ޖަރީމާތައް ހިންގި މިންވަރު، މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 20 ޕަސެންޓް އިތުރު ވެފައި ވާ ކަމަށް، އދގެ އިސް އޮފިޝަލަކު، އެ އިދާރާގެ ސަލާމަތީ މަޖިލީހަށް ދަންނަވައިފިއެވެ.

ކަނޑު ދަތުރުފަތުރު ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުގައި ކުރިއަށް ދިޔަ މަތީ ފަންތީގެ ބަހުސްގައި ވާހަކަދައްކަވަމުން، އދގެ ސެކްރެޓަރީ ޖެނެރަލްގެ ޝެފް ޑި ކެބިނެޓް، މާރިއާ ލުއީޒާ ރިބޭއިރޯ ވިއޮއްޓީ ވިދާޅުވީ، މިކަމުގައި މިހާރަށް ވުރެ ބޮޑަށް، ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ބޭނުން ވާ ކަމަށެވެ.

އޭޝިއާ ސަރަހައްދުގެ ކަނޑުމަތީގައި ހިންގާ ޖަރީމަތައް 2 ގުނަ އިތުރު ވެފައި ވާ ކަމަށާ، ވެސްޓް އެފްރިކާ، ދަ ސްޓްރެއިޓްސް އޮފް މަލާކާ އަދި ސިންގަޕޫރާއި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ އެންމެ ބޮޑު އަސަރެއް ފޯރާފައި ވާ ސަރަހައްދުތައް ކަމަށްވެސް ވިއޮއްޓީ ވިދާޅުވިއެވެ.

މީގެ އިތުރުން ގަލްފް އޮފް ގިނީއާއި މި ފަހަކަށް އައިސް ފާރިސީ ގަލްފާއި އަރަބި ކަނޑުގެ ސަރަހައްދުގައި ހިންގަމުންދާ ޖަރީމާތަކަކީވެސް ވަކިން ހާއްސަ ކަންބޮޑުވުމެއް ކަމަށް ވިއޮއްޓީ ވިދާޅުވިއެވެ.

މިކަން ކަމަށް ހައްލު ހޯދުމަށް، މިހާރަށް ވުރެ ބޮޑަށް، ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ބޭނުން ވާ ކަން ފާހަގަ ކުރައްވަމުން އދގެ އޮފިޝަލު ވިދާޅުވީ، މި ގޮންޖެހުންތަކުގެ މުލުގައި ވާ ހަގީގީ މައްސަލައަށްވެސް ރިއާޔަތް ކުރަނިވި އިޖާބައެއް ބޭނުން ވާ ކަމަށެވެ. މުލުގައި ވާ މައްސަލަތަކުގެ ތެރޭގައި އިންތިހާ ފަގީރު ކަމާ، ދިރިއުޅޭނެ އެހެން ގޮތެއް ފެންނަން ނެތުމާއި، ސަލާމަތްތެރިކަން ކުޑަވުމާ، ސަރުކާރު ހިންގުމުގެ އޮނިގަނޑުގައި ހުރި ބަލިކަށިކަން ހިމެނޭ ކަން އދއިން ފާހަގަ ކުރެއެވެ.

ކަނޑު ދަތުރުފަތުރުގެ ސަލާމަތަށް ކުރިމަތިލާން ޖެހޭ އަނެއް ގޮންޖެހުމަކީ ގައުމުތަކުގެ ސަރަހައްދީ އިންތައް ވަކި ކުރުމާއި، ގައުމުތަކުގެ އިހުތިސޯސް ހިނގާ ކަނޑުގެ ބޯޑަރު ވަކި ކުރުމުގައި ދިމާވެފައިވާ މައްސަލަތަކެވެ. އަދި ޣައިރު ގަނޫނީ އަމަލުތަކުގެ ތެރެއިން، ކަނޑުގެ ގުދުރަތީ ވަސީލަތްތައް ހުސްވަމުން ދިއުމަކީވެސް ކުރިމަތިލާން ޖެހިފައި ވާ ގޮންޖެހުމެއް ކަން އދއިން ފާހަގަ ކުރެއެވެ.

ކަނޑު ދަތުރުފަތުރު ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުގައި ކުރިއަށް ގެންދިޔަ މަތީ ފަންތީގެ ބަހުސް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ އަވަށްޓެރި އިންޑިއާއިންނެވެ. ސަލާމަތީ މަޖިލީހުގެ މި މަހުގެ ރިޔާސަތު ބަލަހައްޓަނީ އިންޑިއާއިންނެވެ.

އދއިން ލަފާ ކުރާ ގޮތުގައި، ދުނިޔޭގެ އާބާދީގެ 3 ބިލިއަނަށް ވުރެ ގިނަ މީހުންނަކީ ދިރިއުޅުމުގެ އެކި ބޭނުންތަކަށް ކަނޑަށް ބަރޯސާވެފައި ވާ ބައެކެވެ. ވަކިން ހާއްސަ ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ވަޒަންވެރިންނެވެ.