ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ 947 މިލިއަން ރުފިޔާ ނުދައްކާ ހުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ދައުލަތުގެ ކުންފުނިތަކުގެ ކުއާޓާލީ ރިވިއުއިން ދައްކައިފިއެވެ.

ފެނަކައިން މިއަހަރުގެ ފުރަތަމަ 3 މަސް ނިމުނު އިރު، އެކި ފަރާތްތަކަށް 947،2 މިލިއަން ރުފިޔާ ނުދައްކާ ހުރިކަމަށް ކުއަޓާލީ ރިވިއު އިން ދައްކައެވެ.

ފެނަކައަށް މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގައި 442 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު ސާފު ފައިދާގެ ގޮތުގައި 26.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގައި ފެނަކަ އިން 686،5 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ނުދައްކާ ހުއްޓެވެ.

ފެކަނައަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 35 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އެ ކުންފުނީގެ ތާރީހުގައިވެސް މާލީގޮތުން ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހުގައި ފެނަކައަށް 420 އާމްދަނީގެ ގޮތުގައި ލިބުނު އިރު މިއީ މި އަހަރާ ބަލާއިރު 22 މިލިއަން ރުފިޔާގެ ދަށް އަދަދެކެވެ.

ފެނަކަ އިން އެކި ފަރާތްތަކަށް ގިނަ އަދަދަކަށް ފައިސާ ދޭން ޖެހޭ އިރު އޭސީސީން އަންނަނީ އެ ކުންފުންޏާ ގުޅޭ 22 މައްސަލައެއް ތަހުގީގު ކުރަމުންނެވެ.