ހިޖްރައިގެ ހާދިސާއަކީ މަތިވެރި ނަމޫނާތަކެއް މުޅި އިންސާނިއްޔަތަށް ދޫކުރި މަތިވެރި ހާދިސާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި ފެށުނު ހިޖުރީ އާ އަހަރުގެ ތަހުނިޔާ ވިދާޅުވަމުން އެމަނިކުފާނު ދެއްވި ހިތޯބުގައި ވިދާޅުވީ ހިޖުރީ އާ އަހަރެއްގެ ފެށުން ފާހަގަ ކުރުމަކީ ހިޖްރައިގެ ހާދިސާއިން ލިބިދިން އިބުރަތްތަކުގެ އަލީގައި ކުރިމަގު އަލުން ބައްޓަން ކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުސަތެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ހިޖުރައިގެ މަތިވެރި ޒިކުރާއާ ގުޅުވައިގެން މުސްލިމުން ތާރީހު ޖަހަމުން އަންނަނީ ނަބަވީ ހިޖްރައިން މުޅި އިސްލާމީ އުންމަތަށް ދައްކަވާފައިވާ މަތިވެރި ނަމޫނާތަކުން އިބުރަތް ހާސިލްކުރުމުގެ ބޭނުމުގައި ކަމަށެވެ.
އަދި ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ކޮންމެ ފަރުދެއްގެ އިންސާނީ ވަންތަކަމަށް ހުރުމަތްތެރިކޮށް ހިތައި އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއްކަމަށާ އަނެކުންގެ ފުރާނައާއި މުދަލަށް ހަމަ ކޮންމެ މީހަކުމެ ރައްކާތެރިކަމާ އަމާންކަމާ ހިމާޔަތްދޭންޖެހޭނެކަން ކަމުގައި ރައީސް ސޯލިހު ދެއްވި ހިތާބުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ހިތޯބުގައި ވަނީ ރަހިމުގެ ގުޅުމާ ގާތްތިމާގެކަމުގެ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. މިގޮތުން ނަބަވީ ހިޖުރައިން އިސްލާމީ އިންމަތަށް އުނގަންނައި ދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ ރަހިމުގެ ގުޅުމާއި ގާތްތިމާގެކަމުގެ ގުޅުމުގެ އިތުރުން އެންމެހައި މުސްލިމުންނަކީ އިންސަނީ އަހުވަންތަކަމާ މާތް ﷲ ގެ އެއްކައުވަންތަކަމުގެ އަގީދާއިން ގުޅިލާމެހިފައި ތިބި ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ތަރައްގީއާއި ތަހުޒީބުގެ ގޮތުން މުި ދުނިޔެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް ވެގެންދިޔަ ސަބަބަކީ އެ ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުން ކަމަށް ރައިސް ފާހަގަ ކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ އިސްލާމީ އަހުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާ ކުޑަކުރެވުމުގެ ސަބަބުންކަމަށާ އިސްލާމީ އުންމަތް ބައިބައިވެފައި ވާތީ ކަމަށެވެ.
ރައީސްގެ ހިތޯބުގައި ވަނީ ދިވެހި މުޖުތަމައުވެސް އެކަކު އަނެކަކަށް އިހްތިރާމާ ލޯތްބާއެކު މުއާމަލާތްކުރާ ބަޔަކަށް މިއަދު ބޭނުންވާކަމަށް ވިދާލުވެފައެވެ. އަދި ދެކޮޅުވެރިކަމާ ޒާތީ ހަސަދައާއި ނަފްރަތަށް ފާޅުގައި ނޫނެކޭބުނެ، މުޖުތަމައުގެ ބަދަހިކަމާ ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ބޭނުންވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އެ މަނިކުފާނު ވަނީ މިއުފާވެރި މުނާސަބަތުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަގުވާމީ އިސްލާމީ ޖަމާއަތްތައްކުގެ ވެރިންނަށާއި، އެންމެހައި މުސްލިމް އަހުންނާއި އުހުތުންނަށް ވެސް ފޮނުއްވާފައެވެ.