ރައްޔިތުންނަށް އުނދަގޫވާގޮތައް ބަންދުކޮށްފައިވާ މަގުތަކެއް އާންމުންނަށް ހުޅުވާލުމަށް މާލޭ ސިޓީކައުންސިލުން ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއަށް އަންގައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ ބަންދުކޮށްފައި ހުރި މަގުތައް ސާފުކޮށް އާންމުންނަށް ހުޅުވާލުމަށް އެ ދެ ކުންފުންޏަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބަންދުކޮށްފައިވާ މަގަކީ ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި ސްޓެލްކޯ އޮފީސް އިމާރަތާ ދޭތެރޭ އޮންނަ ކަށިމާހިނގުން (ބްލޮކް ނަންބަރު 349) އާއި ސްޓެލްކޯ ޕަވާ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާއާއި ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން (ބްލޮކް ނަންބަރު 348.347) އެވެ.

އަދި އެމްޑަބްލިއުއެސްސީ އިން ބަންދުކޮށްފައި ވަނީ އެ ކުންފުނީގެ ކޮއްޓާއި އާ ސަހަރާ ކޮއްޓާއި ދޭތެރޭ އޮންނަ ނިކަގަސް ހިނގުމާއި ފަޅުމަތީމަގު (ބްލޮކް ނަންބަރު 380،377،376) އެވެ.

ސިޓީ ކައުންސިލުން ބުނީ މި ސަރަހައްދުން އާންމުންނަށް ނުހިނގޭތީ އެކަމުގެ ޝަކުވާ އާންމުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކައުންސިލުން ފާހަގަކުރާ ގޮތުގައި މިގޮތައް ހުންނަ މަގުތައް ބަންދު ކުރުމަކީ ރައްޔިތުންނަށް އެކަމުގެ ތަކްލީފުތައް ނުހަނު ބޮޑަށް ލިބެމުންދާ ކަމެކެވެ.

ސްޓެލްކޯ އަށާއި އެމްޑަބްލިއުއެސްސީއަށް މި މަގުތައް ހުޅުވާލުމަށް ސިޓީ ކައުންސިލުން ދީފައި ވަނީ މިއަދުން ފެށިގެން އެއްމަސް ދުވަހެވެ.

މާލެސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިޒާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވާލުމާއި ބަންދުކުރުމަކީ ލާމަރުކަޒީ ގާނޫނުން ސިޓީކައުންސިލަށް ލިބިދޭ ބާރުގެތެރޭގައި ހިމެނޭ ކަމެކެވެ.