ބެލެނިވެރިންނަކީ ވެކްސިން ފުރިހަމަ ކޮށްފައި ތިބި ބައެއް ކަން ކަށަވަރު ކުރުމަށް ބެލެނިވެރިންނަށް "ގްރީން ކާޑް" ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިރެކްޓާ ޖެނަރަލް އައިމިނަތު އައްޒަ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކާ ގުޅިގެން ބެލެނިވެރިންނަށް ހާއްސަ ކޮށްގެން "ގްރީން ކާޑް" ތައްޔާރު ކުރާނެ ކަމަށެވެ.

އެ ކާޑަކީ ދަރިވަރުން ބަލާ ސްކޫލަށް ދާއިރު ވެކްސިން ޖަހާފައި ހުރިކަން ކަށަވަރު ކުރެވޭނެ ގޮތް ބެލޭގޮތަށް ތައްޔާރު ކުރާ ކާޑެއް ކަމަށް އައްޒަ ވިދާޅުވިއެވެ.

އައްޒަ ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 96 ޕަސަންޓް މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ ޑޯޒް ދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އައްޒަ ވިދާޅުވިއެވެ.

ސެޕްޓެމްބަރު 1 ގެ ފަހުން ސްކޫލުތަކަށް ވަދެވޭނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ. މިއީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމަށާއި ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ އެންމެން ވެކްސިންގެ ޑޯޒްތައް ވީހާވެސް އަވަހަކަށް ފުރިހަމަ ކުރުމަށް އިލްތިމާސް ކޮށްފައެވެ.