މި ހަފްތާގައިި ދަރިވަރުންނަށް ހާއްސަކޮށްގެން ކޮވިޑް ވެކްސިން ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މި ހަފްތާގެ ތެރޭގައި ދަރިވަރުންނަށް ހާއްސަކޮށް ވެކްސިން ޕްރޮގްރާމް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އައިމިނަތު އައްޒަ ވަނީ ވެކްސިން ޖެހޭ އުމުރުގެ ހުރިހާ ދަރިވަރުން، ވެކްސިން ފުރިހަމަ ކުރުމަށްޓަކާ މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

އައްޒަ ވިދާޅުވީ ވެކްސިންއާ ގުޅޭ މައުލޫމާތުތައް ބެލެނިވެރިންނަށް ދިނުމަށް އެޗްޕީއޭއާ ގުޅިގެން ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށާއި ރަށްރަށުގެ ހެލްތު ސެންޓަރުތަކުން ވެސް ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަން ނިންމާފައިވާ، މިހާރު އެޗްއީއޯސީން ދަނީ ވެކްސިން ޖަހާ ކުދިންގެ އަދަދު ދެނެގަންނަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެޑިއުކޭޝަނާ ގުޅިގެން އެ މަސައްކަތް މިހާރު ހަލުވި ސްޕީޑެއްގައި ކުރަމުންދާ ކަމަށް އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ފައިޒާ ވެކްސިން ޖެހުމުގައި ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ސްކޫލް މެދުވެރިކޮށް ކަމަށެވެ. އެ ގޮތުން ސްކޫލުން ދަރިވަރުން ވެކްސިން ސެންޓަރުތަކަށް ގެންގޮސް ވެކްސިން ޖަހައިދޭ ގޮތަށް ހަމަޖައްސާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.