މާލޭ ސިޓީގެ ބްލޮކުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ ބުލޮކުވެރިޔާ ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު އޮކްޓޯބަރު 09، 2021 ވާ ހޮނިހިރު ދުވަހު ބާއްވާން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މާލޭ ސިޓީ ބްލޮކު ވެރިޔާއަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު އޮގަސްޓް މަހުގެ 08 ވާ އާދީއްތަ ދުވަހުގެ 10:00ން ފެށިގެން 2021 އޮގަސްޓް މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

މާލޭސިޓީގެ ބްލޮކުވެރިޔާ އިންތިހާބަށް ކުރިމަތިލާ މީހާގެ ހުންނަން ޖެހޭ ޝަރުތުތައް:

  • މީލާދީގޮތުން 18 އަހަރު ފުރިފައިވާ ދިވެއްސެއްކަމުގައި ވުން.
  • އެމީހަކު އެ ކުރިމަތިލާ ބުލޮކެއްގައި ދިރިއުޅޭ މީހެއްކަމުގައިވުން.
  • ވައްކަން، ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހެއް ކަމުގައިވުން.
  • އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް، ޖިންސީ ޖިސްމާނީ ހާނިއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުމާ، އެފަދަ މައްސަލައެއްގެ ތަހްގީގުގައި ބަންދުވެފައިވާ މީހެއްކަމުގައި ނުވުމާ، ތަހްގީގުގެ މަރުހަލާގައި ތަހްގީގު ކުރަމުންދާ މީހެއްކަމުގައި ނުވުން.
  • ކުރިން ބުނި ޖިނާއީ ކުއްތައް ފިޔަވާ އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒު ކުރެވުނުތާ 3 އަހަރު ވެފައިވުން.
  • އިންތިހާބު ކުރެވޭ އެއްވެސް އެހެން މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
  • މުސްތަގިއްލު މުއައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރާ ފަރާތެއް ކަމުގައި ނުވުން.

މިއިންތިގާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 08 ވަނަ ދުވަހުގެ 10:00ން ފެށިގެން 2021 އޮގަސްޓް މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ 02:00ގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލް (އެމްޑަބްލިޔު އެސްސީ ކަސްޓަމާ ސާވިސް ހަތަރުވަނަ ފަންގިލާ) އިން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭ ސިޓީގެ ބްލޮކުތަކުގެ ވެރިޔާގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 09 ވާ ހޮނިހިރު ދުވަހުގެ 10:00 އިން 04:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާނިމޭތާ 30މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 14 ވާ ބުރާސްފަތި ދުވަހުގައެވެ.