އަފްގާނިސްތާނުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގަމުން އަންނަ ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އެ ގައުމުގައި ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކާ ބެހޭ ގޮތުން، އަފްގާނިސްތާނުގެ ހާރިޖީ ވަޒީރު މުހައްމަދު ހަނީފު އަތުމާރު، އދގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން އަފްގާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު، ޑެބްރާ ލިޔޯންސްއާ މަޝްވަރާ ކުރައްވައިފިއެވެ.

އިންސާނީ ހައްގުތައް ނިގުޅައިގަނެ، އިންސާނިއްޔަތުކަމުގެ ރޫހާ ހިލާފަށް ތޯލިބާނުން ހިންގަމުން އަންނަ ޖަރީމާތަކުގެ އިތުރު، އަފްގާނިސްތާނުގެ އެކި ސިޓީތަކަށް އެ ޖަމާއަތުން ދެމުން އަންނަ ހަމަލާތަކާ ބެހޭ ގޮތުންވެސް އަފްގާނިސްތާނުގެ ހާރިޖީ ވަޒީރާއި އދގެ މަންދޫބު ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، އަފްގާނިސްތާނުގެ ހާރިޖީ ވަޒީރު ވަނީ، ބައިބޯ ސިޓީތަކާ މަރުކަޒުތަކަށް އަމާޒު ކޮށް، ތޯލިބާނުން ހަމަލާ ދެމުން ދާ ދިއުން ފާހަގަ ކުރައްވާ، އެ ކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މީގެ އިތުރުން، އަފްގާނިސްތާނުގެ ހާރިޖީ ވަޒީރު ވަނީ، އަފްގާނިސްތާނުގެ ފަސްގަނޑުގައި، ތޯލިބާން ހަނގުރާމަވެރިން ހަމަލާތައް ވަރުގަދަ ކުރަމުން އަންނަ އައުން ކުށްވެރި ކޮށްދީ، އެކަމާ ދެކޮޅަށް ފިއްތުންތައް ކުރިމަތި ކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައާއި އދގެ ކިބައިން އެދިވަޑައިގެންފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އަސްކަރީ ފައުޖުތަކުން އެ ގައުމުން ފައިބަމުން ދާ ދަނޑިވަޅާ ދިމާކޮށް، ތޯލިބާނުންގެ ހަމަލާތައް ވަރުގަދަ ކޮށްފައި ވާއިރު، އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުން ވެސް ދަނީ، ތޯލިބާނުން ކޮންޓްރޯލް ކުރުމުގެ ނަމުގައި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާ ބަދަލު ކުރުންތަކުގައި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކުވެސް މަރުވަމުން އަންނަ ކަމަށް ހަބަރު ލިބެއެވެ.

އެމެރިކާއިން އަފްގާނިސްތާނަށް އަރާ، ތޯލިބާނުން ވައްޓާލުމަށް ކުރި ހަނގުރާމަ، 20 ވަރަކަށް އަހަރަށް ފަހު، މާ ބޮޑު ކާމިޔާބަކާ ނުލާ ނިންމާ، މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ފައުޖުތައް ބާލާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް، މި ދަނޑިވަޅުގައި އަފްގާނިސްތާނުން ސިފައިން ބޭލުމަކީ ހެދޭ ގޯހެއް ކަމަށް، އަފްގާނިސްތާނުގައި ހަނގުރާމަ ފެއްޓެވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ އިންޒާރު ކުރައްވާފައެވެ.