ރަށު ލެވެލްގައި ހަދަން ޖެހޭ ތަރައްގީގެ ޕްލޭނެއް އަދި ލޭންޑް ޔޫސް ޕްލޭން ކައުންސިލްތަކަށް ނިންމިފައި ނުވާތީ ގާނޫނު އިސްލާހުކުރަން ވިސްނަން ފަށައިފިއެވެ.

ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން އާއި ތަރައްގީގެ ޕްލޭން ނިންމަން ކައުންސިލްތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް އޮތީ ދީފައެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ޕްލޭންތައް ނިންމާ ހުށަހަޅާފައި ނުވާތީ މުއްދަތު އިތުރުކުރުމަށް ގާނޫނު އިސްލާހު ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރި ފަހުން އިންތިހާބުވި ކައުންސިލަރުން މަގާމާ ހަވާލުވީ މިއަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހެވެ.

ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ މުއްދަތު މިމަހުގެ 17 ވަނަ ދުވަހަށް ހަމަވާނެއެވެ.

އެކަމާ ގުޅިގެން ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލަށް އިންތިހާބްވި ކައުންސިލްތަކުން ތިން މަސް ތެރޭ ހުށަހަޅަންޖެހޭ ތަރައްގީގެ ޕްލޭން އާއި ލޭންޑްޔޫސް ޕްލޭން ގާނޫނުގައި ވާ މުއްދަތުގެ ތެރޭގައި ހުށައެޅުމަށް ދަތިވާކަމުގެ ކަންބޮޑުވުން އޮތްކަމަށް އެލްޖީއޭއިން ފާހާގަކުރާ ކަމަށެވެ.

އެެހެން ކަމުން އެކަމަށް އޮތް ގާނޫނީ ހައްލު ހޯދަން އެ މުއްދަތު ފަސްކޮށް ކުރަން ފެށޭ ހަފްތާގެ ތެރޭގައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ރަށްރަށުގެ ލޭންޑްޔޫސް ޕްލޭނާއި ތަރައްގީގެ ޕްލޭން ނިންމުމުގައި ދަތިތައް ހުރި އިރު އެކިއެކި ރަށްރަށުގެ ކައުންސިލްތަކުން ވަނީ ތަފާތު އެކިއެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ތަފާތު އެކި ފޯރަމްތައް ބާއްވާފައެވެ. އަދި އެލްޖީއެއިންވެސް ވަނީ ކްލަބްހައުސްގައި ގިނަ ފޯރަމްތަކެއް ބާއްވައި ޕްލޭން ތައްޔާރު ކުރާނެ ގޮތާއި، އެކަމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކާއި ހަމަތައް ކިޔައިދެމުން ގެންގޮސްފައެވެ.