ކޮވިޑުން ރައްކާތެތިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން، ޕާޓީތައް ބާއްވާ، އެއްވެ އުޅުމުގައި އަޅާަފއިވާ ފިޔަވަޅު މިއަދު އުވާލައިފިއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ. މިއަދުން ފެށިގެން ޕާޓީ ތަކާއި އެއްވުންތަކުގައި ބޭނުންވާ ވަރަކަށް މީހުންނަށް ބައިވެރިވެވޭނެ ކަމަށެވެ. ނަމަވެސް އެއްވުންތަކާއި ޕާޓީތައް ބާއްވާ އިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ޕާޓީތައް ބާއްވަން ހުއްދަ ދިން ނަމަވެސް 30 މީހުންނަށް ވުރެ އިތުރަށް އެއްވަގުތެއްގައި އެއްތަނަކަށް އެއްވެ ތިބުން އޮތީ މަނާކޮށްފައެވެ.

މިއަދު ދިން ލުއިތަކުގެ ދަށުން ރެސްޓޯރަންޓްތަކާއި ކެފޭތައް ވެސް ކުރީގެ އާންމު ހާލަތުގައި ހުޅުވި ގަޑިތަކުގައި ހުޅުވައިގެން މިހާރު ހިދުމަތް ދެވޭނެއެވެ. އަދި އޮފީސްތަކަށް މުވައްޒަފުން ނެރެގެން މިހާރު ހިދުމަތް ދެވޭނެއެވެ. އަދި ޔުނިވަސިޓީތަކާއި ސުކޫލުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔެވުން ކުރިއަށް ގެންދަން ވެސް މިހާރު ވަނީ ހުއްދަ ދީފައެވެ.

ކޮވިޑް ކޭސްތައް މިދިޔަ މެއި މަހު ވަރަށް ބޮޑުތަން އިތުރުވުމުގެ ސަބަބުން އެޅި ފިޔަވަޅުތަކާ އެކު ކޭސްތައް މަދުވާން ފެށުމުން މިދިޔަ ޖޫންމަހުގެ ފަހު ކޮޅުން ފެށިގެން އެޗްއީއޯސީން އަންނަނީ ލުއިތަކެއް ދެމުންނެވެ. އެ ގޮތުން މިއަދު ގިނަ ލުއިތަކެއް ދީފައިވީ ނަމަވެސް މާސްކް އެޅުމާއި ގައިދުރުކުރުން ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވެގެން އުޅުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ.

މިއަދު ގިނަ ލުއިތައް ދިން އިރު އީދު ޗުއްޓީއަށް ފަހު ޕޮޒިޓިވް ވާ އަދަދުތައް ހުރީ މައްޗަށް ޖަހާފައެވެ.