ޅ. ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް، ނިންމުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

ސަރުކާރުން ރަށްރަށުގައި ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއުތަކުގެ ތެރެެއިން ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ނުނިމި ހުރި މަސައްކަތްތައް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުތެރޭގައެވެ.

މި މަޝްރޫއުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް، ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލު ކުރީ އޮކްޓޯބަރު 26، 2020 ގައެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ހޮޅީގެ މައި ނެޓްވޯކްގެ ނުނިމިވާ 3 ކިލޯ މީޓަރގެ ފެން ހޮޅި އެޅުމާއި، އާރްއޯ ޕްލާންޓްގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި އާރްއޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ ނުނިމި ހުރި މަސައްކަތް ކުރާނެއެވެ.

އަދި ފެން ރައްކާ ކުރުމަށް ބަހައްޓާފައިވާ ތާނގިތަކުގެ ނުނިމި ހުރި މަސައްކަތާއި، ބޯހޯލް އަދި ރިޖެކްޓް ލައިންގެ މަސައްކަތް ކުރުން ވެސް ހިމެނެއެވެ. މި މަސައްކަތް ނިމުމުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށް ދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކްގެ ނުނިމިވާ 3.5 ކިލޯ މީޓަރުގެ ނެޓްވޯކް ގާއިމް ކުރުމާއި، 360 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ޕަމްޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި، 1 ސީ އައުޓް ފޯލް ގާއިމް ކުރުން ހިމެނެއެވެ. އަދި ވޭލް ޗެމްބަރު ބެހެއްޓުމުގެ މަސައްކަތާއި އެސްޓީޕީ ބިލްޑިންގެ ނުނިމި ހުރި މަސައްކަތާއި އެސްޓީޕީގެ ސިވިލް އަދި އިލެކްޓްރޯ މެކޭނިކަލް މަސައްކަތް ވެސް ހިމެނެއެވެ.

މި މަސައްކަތް ނިމުމުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. ހަމައެއާއެކު މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ފެން ކުންފުންޏާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއުގެ މަސައްކަތް ނިމުމުން ނައިފަރުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބޭނެއެވެ.