އިންކުއަރީ ރިޕޯޓަށް ސަރުކާރުން އަމަލުކުރާ ގޮތް ނޭނގެނީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުން ރަނގަޅު ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިފަދައިން ވިދާޅުވެފައި ވަނީ ސެޕްޓެމްބަރުމަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އާއިލާއިން ހާމަކުރުމާ ގުޅިގެންނެވެ. ހަސަން ވިދާޅުވީ މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ސަރުކާރުގެ ފަރާތުން އަމަލުކުރަން ރާވާފައިވާ ގޮތް ބެލުމަށް ފަހު ނޫނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން ރަނގަޅު ނޫން ކަމަށެވެ. އޭނާ އެވާހަކަ ވިދާޅުވީ، ސަރުކާރުން ކޮން ގޮތަކަށް ކޮން ކަމެއް ނުކޮށްގެން ކަމެއް ނުވަތަ، ނަޝީދަށް އިތުރު ނުރައްކަލެއް އޮވެގެން ކަމެއް ހާމައެއް ނުކުރައްވައެވެ.

ނަމަވެސް އޭނާ ވިދާޅުވީ، އެގޮތަށް ވިދާޅުވާން ޖެހެނީ ރައީސް ނަޝީދަށް މޭ 6، 2021 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާ ދިނުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމާ ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތަށް ބެލުމަށް ފަހުގައި ކަމަށެވެ.

ހަސަން އަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ދެކެވަޑައިގަންނަވާ ގޮތަކީ އެމަނިކުފާނުވެސް ވިސްނަވާނެ ގޮތެއް ކަމަށެވެ. އަދި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ސަރުކާރުވެސް އެމްޑީޕީ ދެކޭގޮތާ ގުޅޭގޮތުން ވިސްނާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަކީ 2019 ވަނަ އަހަރުން ފެށިގެން ރާވަމުން އައި ހަމަލާއެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި ހަމަލާ ދިނުމަށް ދުރާލާ ތައްޔާރުވަމުން އައި އިރުވެސް ފުލުހުންގެ އިންޓެލިޖެންސް އަށް ނޭނގުމުން އާންމުންގެ ފާޑުކިއުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.