ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައި ވާ ވީޑިއޯ ޝެއާރިންގް ޕްލެޓްފޯމް –"ޓިކްޓޮކް" އިން، ސްނެޕްޗެޓާއި ފޭސްބުކް އަދި އިންސްޓަގްރާމްގައި ހުންނަ ފަދަ ގެއްލޭ ވީޑިއޯ ނުވަތަ ވެނިޝިންގް ވީޑިއޯ ފީޗާ ޓެސްޓު ކުރަން ފަށައިފިއެވެ.

ވީޑީއޯ ޕޯސްޓް ކުރާތާ 24 ގަޑިއިރު ވުމުން، އެ ވީޑިއޯއެއް ޑިލީޓް ކުރެވޭ ފީޗާ ޓެސްޓު ކުރުމުގެ މަސައްކަތް ޓިކްޓޮކުން ފަށާފައި ވާއިރު، ވަޓްސްއެޕްއިން ވެސް ވަނީ މިފަދަ ފީޗާއެއް ޓެސްޓު ކުރަން ފަށާފައެވެ.

ޓިކްޓޮކް ހިންގަމުން އަންނަ ބައިޓް ޑާންސް އިން ބުނީ، އަބަދުވެސް މުޖުތަމައަށް އާ ކަންކަން ގެނެސްދޭން އެ ކުންފުނިން ވިސްނާ ކަމަށާ، މަސައްކަތް ކުރަމުން ދަނީ ޓިކްޓޮކްގެ ތަޖުރިބާ، ވީހާވެސް މުއްސަނދި ކުރުމަށް ކަމަށެވެ.

ގެއްލޭ ވީޑިއޯ ފީޗާ، އާންމުންގެ މެދުގައި މަގުބޫލު ވެގެން ދިޔައީ، ސްނެޕްޗެޓާ އެކުގައެވެ.

އިތުރު ޕްލެޓްފޯމްތަކުން މި ފީޗާ ތައާރަފު ކުރަމުން ދާއިރު، ކުޑަކުދިންގެ ރައްކާތެރި ކަމަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ، މިއީ ނުރައްކާތެރި ފީޗާއެއް ކަމަށާ، މިއީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ކޭސްތައް އޮއްބާލުމަށް އެހީވެދޭނެ ފީޗާއެއް ކަމަށް ބުނެ، މި ފީޗާއާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ޓިކްޓޮކް ޕްލެޓްފޯމަކީ އެކި ޒާތުގެ ބުލީއާއި ފުރައްސާރައަށް ހުޅުވިފައި ދޮރެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު، ގެއްލޭ ވީޑީއޯ ފީޗާއާއެކު އިޖުތިމާއީ މައްސަލައަކަށް ވެފައި ވާ މި މައްސަލަ އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ.