ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިން ޕްރޮގްރާމްގެ ދަށުން އާބާދީގެ ނިސްބަތުން މިހާތަނަށް ރަށުގެ 60 ޕަސެންޓް ވެކްސިން ފުރިހަމަ ނުކުރާ 121 ރަށެއް އެބަ އޮތް ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަށްރަށުގެ އާބާދީގެ ތެރެއިން 60 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައި ވަނީ 59 ރަށެކެވެ. އަދި 60 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައި ނުވާ 121 ރަށެއް ހިމެނެއެވެ.

އެންމެ މަދު މީހުން ވެކްސިން ފުރިހަމަ ކުރި ރަށްރަށުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ، ގއ. ދާންދޫ، އަދި ރ. ދުވާފަރެވެ. ދާންދޫގެ އާބާދީއަށް ބަލާއިރު އެ ރަށުގައި ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 45 ޕަސެންޓް، އަދި ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 9 ޕަސެންޓް މީހުންނެވެ. ރ. ދުވާފަރުގައި އެ ރަށުގެ އާބާދީގެ ތެރެއިން 26 ޕަސެންޓް މީހުން ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާއިރު، ދެވަނަ ޑޮޒް ފުރިހަމަ ކޮށްފައި ވަނީ 16 ޕަސެންޓް މީހުންނެވެ.

ހަމައެއާއެކު މި ލިސްޓުގައި ގދ. މަޑަވެލި، ލ. ކުނަހަންދޫން ވަނީ އެ ރަށުގެ އާބާދީގެ 22 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. ހދ. މަކުނުދޫ އަދި ހއ. ފިއްލަދޫން ވަނީ އެ ރަށުގެ އާބާދީގެ 24 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި ހދ. ކުމުންދޫ އާއި ހއ. އިހަވަންދޫ އާއި ނ. މަނަދޫން ވަނީ އެ ރަށުގެ އާބާދީގެ 25 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މީގެ އިތުރުން އެ ލިސްޓުގައި ހއ. ހޯރަފުށި، ގއ. ގެމަނަފުށި، ހއ. ދިއްދޫ އަދި ގދ. ތިނަދޫން ވަނީ އެ ރަށްރަށުގެ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. ހއ. ބާރަށާއި ތ. ކިނބިދޫން 28 ޕަސެންޓް ފުރިހަމަކޮށްފައިވާ އިރު، ގދ. ގައްދޫ އާއި ގއ. ނިލަންދޫން 29 ޕަސެންޓް މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

އާބާދީގެ 60 ޕަސެންޓަށް ވުރެ ދަށުން ވެކްސިން ފުރިހަމަ ކުރި އިތުރު ރަށްރަށް:

  • 30 އިން 39 ޕަސެންޓް: ގދ. ފަރެސްމާތޮޑާ، ރ. މަޑުއްވަރި، ނ. މާފަރު، ގދ. ނަޑެއްލާ، ލ. ދަނބިދޫ، ހދ. ނޮޅިވަރަމް، ހއ. ކެލާ، އދ. މާމިގިލި، ފ. ބިލެއްދޫ، ހދ. ވައިކަރަދޫ، ފ. މަގޫދޫ، ރ. އަނގޮޅިތީމް، ގއ. ވިލިނގިލި އާއި ކޫއްޑޫ، ލ. އިސްދޫ ކަލައިދޫ، ހދ. ނޭކުރަންދޫ، ދ. ބަނޑިދޫ، ލ. ފޮނަދޫއަދި ޅ. ކުރެންދޫ
  • 40 އިން 49 ޕަސެންޓް: ލ. ލަންދޫ، ށ. ފުނަދޫ، ރ. އިންނަމާދޫ، އދ ފެންފުށި، ލ. މާވަށް، މ. ދިގުރަށް، ކ ތުލުސްދޫ، ރ. އިނގުރައިދޫ، ށ. ފޯކައިދޫ، ނ. ހެނބަދޫ، ފ. ނިލަންދޫ، ބ. މާޅޮސް، ގދ. ވާދޫ، ކ. ކާށިދޫ، ރ. ކިނޮޅަސް، ރ. މާކުރަތު، އދ. ކުނބުރުދޫ، ށ. ފޭދޫ، ހއ. އުތީމު، ހއ. ތުރާކުނު، ށ. މިލަންދޫ، ރ. ހުޅުދުއްފާރު، ފ. ފީއަލި، ލ. ހިތަދޫ، ލ. މާމެންދޫ، ނ. ޅޮހި، މ. މުލަށް، ށ. ބިލެއްފަހި، ށ. ނޫމަރާ، ޏ. ފިވައްމުލައް، ހއ. މާރަންދޫ، ހއ. ތަކަންދޫ، ށ.މާއުނގޫދޫ، ހދ. ކުރިންބީ، ށ. ނަރުދޫ، ނ. ވެލިދޫ، ތ. ވިލުފުށީ، އއ. ތޮއްޑޫ، ލ. މާބައިދޫ، ތ. ވޭމަންޑޫ، އދ. މަހިބަދޫ، ރ. ވާދޫ، ފ. ދަރަނބޫދޫ، ނ. މިލަދޫ، ބ. އޭދަފުށީ، އއ. ބޮޑުފޮޅުދޫ، ކ. ގުޅި، ތ. ކަނޑޫދޫ، މ. މުލި
  • 50 އިން 59 ޕަސެންޓް: ގދ. ރަތަފަންދޫ، ނ. ކުޑަފަރި، ހދ. ހިރިމަރަދޫ، ބ.ކެންދޫ، ނ. ހޮޅުދޫ، ތ. ގާދިއްފުށި، ތ. ހިރިލަންދޫ، ހދ. ފިނޭ، ދ. ހުޅުދެލި، ލ. ގަން، ގދ. ފިޔޯރި، ދ. ކުޑަހުވަދޫ، މ. މަޑުއްވަރި، ގދ. ހޯޑެއްދޫ، ކ. މާފުށި، ގއ. މާމެންދޫ، ޅ. ނައިފަރު، ޅ. އޮޅުވެލިފުށި، ޅ. ހިންނަވަރު، ހދ. ނޮޅިވަރަމްފަރު، ތ. މަޑިފުށީ، މ. ކޮޅުފުށި، ހއ. މުރައިދޫ، ވ. ކެޔޮދޫ، ބ. ކިހާދޫ، އއ. ފެރިދޫ، ރ. އަލިފުށީ، ރ. ފައިނު، މ. ވޭވަށް، ކ. ދިއްފުށީ، ގއ.ކޮލަމާފުށީ، އއ. މާޅޮސް، ދ. މާއެންބޫދޫ، ށ. ކަނޑިތީމު، ތ. ބުރުނި އަދި ރ. ރަސްގެތީމް

އާބާދީގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ މީހުން ވެކްސިން ޖެހި ރަށްރަށުގެ ތެރޭގައި ހިމެނޭ 59 ރަސް އޮތް އިރު އެ ލިސްޓުގެ އެންމެ ކުރީގައި އޮތް ތިން ރަށަކީ 77 ޕަސެންތާ އެކު ވ. ތިނަދޫ، 75 ޕަސެންޓާ އެކު ވ. ރަކީދޫ އާއި އދ. ހަންޏާމީދޫއެވެ. ދެން އެ ލިސްޓުން އެންމެ ކުރިން ޖާގަ ހޯދާފައިވާ ރަށްރަށުގެ ތެރޭގައި 73 ޕަސެންޓާއެކު ގއ. ދެއްވަދޫ، އދ. މާންދޫ އަދި ބ. ކަމަދޫ ހިމެނެއެވެ.

ހަމައެއާއެކު 72 ޕަސެންޓާއެކު އއ. މަތިވެރި، ބ. ދަރަވަންދޫ، ށ. ފީވަށް، އއ. ހިމަންދޫ، ގއ. ކަނޑުހުޅުދޫ އަދި 71 ޕަސެންޓާއެކު، ބ. ފެހެންދޫ، ބ. ފުޅަދޫ އަދި އއ. އުކުޅަސް ހިމެނެއެވެ. މީގެ އިތުރުން 70 ޕަސެންޓާއެކު 5 ރަށެއް މިލިސްޓުން ޖާގަ ހޯދާފައި ވެއެވެ. އެއީ ބ. ގޮއިދޫ، ކ. ހިންމަފުށި، ލ. މުންދޫ، ވ. ފެލިދޫ އަދި އދ. އޮމަދޫއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނ ަދުވަހުން ފެށިގެންނެވެ. އަދި ވެކްސިން ޖެހުން ވަރަށް ފޮރިއާއެކު ކުރިއަށް ދިޔަ އިރު އޭޕްރީލް މަހުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ވެކްސިން ޖެހުމުން ދޭ ލުއިތަކުގެ ތެރެއިން ރަށެއްގެ އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފި ނަމަ އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށް ބުނެފައެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ފުރިހަމަކޮށްފައި ނުވާ ރަށްރަށަށް، ވެކްސިންގެ ދެ ޑޯޒް ޖެހުމަށްފަހު ދެ ހަފުތާވެފައިވާ ފަރާތްތަކަށް ކަރަންޓީނުވުމަކާ ނުލައި މިހާރު ދަތުރު ކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.