ސްނެޕްޗެޓް ފަދައިން، ވަކި ވަގުތެއްގެ ތެރޭގައި ފޮޓޯއާއި ވީޑިއޯ ގެއްލޭ ފީޗާ ތައާރަފު ކުރަން، ފޭސްބުކް ކުންފުނިން ހިންގަމުން އަންނަ މެސެޖިންގް އެޕްލިކޭޝަން، ވަޓްސްއެޕްއިން ތައްޔާރުވެއްޖެއެވެ.

ފޮޓޯ މެސެޖިންގް އެޕް، ސްނެޕްޗެޓާ ވާދަ ކުރާ ފީޗާއެއްގެ ގޮތުގައި ވަޓްސްއެޕްއިން މި ފީޗާ ތައާރަފު ކުރަނީ މި ހަފުތާގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

ފޭސްބުކްއިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ، "ވިއު ވަންސް" ފީޗާއަކީ، އެއް ފަހަރު އެ މަންޒަރު ފެނުމުން، އެ ފޮޓޯއެއް ނުވަތަ ވީޑިއޯ ގެއްލޭ ގޮތަށް ފަރުމާ ކޮށްފައި ވާ ފީޗާއެއް ކަމަށެވެ.

އަރާފާނެ އޮޅުންތަކުން ސަލާމަތް ވުމުގެ ގޮތުން، އެއް ފަހަރު އެ މަންޒަރު ބެލުމުން، އެ ފައިލެއް ދެން ފެންނާނީ "އޯޕަންޑް" ފައިލެއްގެ ގޮތުގައި ކަމަށް ފޭސްބުކްއިން ބުނެއެވެ.

ސްމާޓްފޯން މެސެޖިންގް އެޕްލިކޭޝަނެއްގެ ގޮތުގައި 2009 ވަނަ އަހަރު ތައާރަފު ކުރި ވަޓްސްއެޕް ބޭނުން ކުރާ 2 ބިލިއަނަށް ވުރެ ގިނަ ޔޫޒާ އެކައުންޓް އޮވެއެވެ.

ސްނެޕްޗެޓާ ހިލާފަށް، ގިނަ ބައެއްގެ މެދުގައި ވަޓްސްއެޕް މަގުބޫލުވާ ސަބަބުތަކުގެ ތެރޭގައި، ޑެސްކްޓޮޕް އެޕްލިކޭޝަން ލިބުމުގެ އިތުރުން، އިޝްތިހާރު ނެތުމާއި، ގިނަ ބަސްތަކަކުން އޮޕަރޭޓް ކުރެވުން ފަދަ ސަބަބުތައް ހިމެނެއެވެ.

ނަމަވެސް ފޭސްބުކްއާއި މައުލުމާތު ހިއްސާ ކުރަންޖެހޭ ގޮތަށް، އެޕްލިކޭޝަންގެ އިގުރާރަށް ބަދަލު ގެނައުމުން، ގިނަ ބަޔަކު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ. މިކަމާ ގުޅިގެން ފޭސްބުކްއިން ވަނީ، އެކަން ތަންފީޒު ކުރުން މަޑުޖައްސާލާފައި ކަމަށް މައުލޫމާތު ލިބެއެވެ.