އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓް ތަކުލީފު ބޮޑުވެ، ކޭސް ނަންބަރު އިތުރު ވަމުން އަންނަ ޗައިނާގައި، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުންގެ ގަޔަށްވެސް ކޮވިޑް ވެކްސިން ޖަހަން ފަށައިފިއެވެ.

އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ، ޑެލްޓާ ވޭރިއަންޓް ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

ކޭސް ނަންބަރު އިތުރު ވަމުން އަންނައިރު، ޗައިނާއިން ދަނީ ކޮވިޑަށް ޓެސްޓު ކުރާ މިންވަރު އިތުރު ކޮށް، ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ފުޅާ ކޮށްފައެވެ. ޖުލައި މަހުގެ މެދަކާ ހިސާބުން، ޗައިނާއިން ޑޮމެސްޓިކް ކޭހުގެ ގޮތުގައި 500 އެއްހާ ކޭސް ވަނީ ރެކޯޑް ކޮށްފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރި ވޫހާންގައި އަނެއްކާވެސް ބަލި ފެތުރެމުން ދާއިރު، ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ސިޓީގެ 11 މިލިއަން ރައްޔިތުން ކޮވިޑަށް ޓެސްޓު ކުރަން ހާއްސަ ކެމްޕޭނެއް ލޯންޗުކޮށްފައެވެ.

ވޫހާންއިން ކޭސް ފެންނަމުން ދަނީ ހިޖުރަވެރި މަސައްކަތްތެރިންގެ ކިބައިން ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ހަބަރު ދެއެވެ.

ކޮވިޑްގެ ކޭސްތައް އިތުރު ވަމުން އަންނައިރު، ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ގައުމުގެ ބައެއް ސަރަހައްދުތައް ލޮކްޑައުންކޮށް، އެއާޕޯޓްތައްވެސް ބަންދު ކޮށްފައެވެ.