އިންތިހާ ދަރަނީގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގެންފައި ވާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، ފައިސާއަށް ޖެހިފައިވާ އޭނާގެ ގައުމަށް އިތުރު އާމްދަނީއެއް ހޯއްދަވާ ދެއްވުމުގެ ގޮތުން، ބޮޑު ވަޒީރަށް ކަނޑައަޅާފައި ހުންނަ ރަސްމީ ގެކޮޅު ކުއްޔަށް ދޫކުރައްވަން ފައްޓަވައިފިއެވެ.
ކައިވެނި ހަފުލާތަކާއި ފެޝަންގެ ދައްކާލުން ފަދަ އިޖުތިމާއީ އެކި އިވެންޓްތަކަށް، ބޮޑުވަޒީރު ރަސްމީ ގެކޮޅު ކުއްޔަށް ދޫކުރުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ޕާކިސްތާނަށް ކުރިމަތިލާން ޖެހިފައި ވާ ލަދެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.
ޕާކިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތަހްރީކީ ޕާކިސްތާން ތަހްރީކީ އިންސާފު ޕާޓީއިން ވަނީ، ބޮޑުވަޒީރު ރަސްމީ ގެކޮޅުން އެމަނިކުފާނު ނިކުންނަވާނެ ކަން ހާމަކޮށްފައެވެ. 2018 ވަނަ އަހަރު އެ ޕާޓީން ވަނީ، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ޕޯސްޓްގްރެޖުއޭޓް އިންސްޓިޓިއުޓަކަށް ބަދަލު ކުރާނެ ކަމަށްވެސް އިއުލާން ކޮށްފައެވެ.
ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން އިމްރާން ނިކުންނަވާއިރު، ގަވަރުނަރުންނަށް ކަނޑައަޅާފައިވާ ގެތަކުން އެބޭބޭފުޅުންވެސް ނިކުންނަވާނެ ކަމަށާ، އެއީ ހަރަދުތައް ކުޑަކޮށް، އިޖުތިމާއީ ކަންކަމަށް އެ ފައިސާ ހަރަދު ކުރުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ 3 އަހަރު ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމާ އިމްރާން ހާން ހަވާލުވެވަޑައިގެންނެވި ފަހުން، އެ ގައުމުގެ، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)، 19 ބިލިއަން ޑޮލަރު ދަށަށް ގޮސްފައި ވާ ކަމަށް ހަބަރު ލިބެއެވެ. ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހުވެސް އިމްރާން ވަނީ ހަރަދު ކުޑަ ކުރެއްވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
ނަމަވެސް، އިމްރާން ގެންދަވަނީ ޕާކިސްތާނުގެ "އިގުތިސޯދާ ކުޅުއްވަމުން" ކަމަށް، އެ ގައުމުގެ ކުރީގެ މާލީ ވަޒީރު، މިފްތާހު އިސްމާއީލު ވަނީ ވިދާޅުވެފައެވެ.