"އަހަރަމެންގެ މައްޗަށް ތޯލިބާނުންގެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނޯންނާނެ. ނުވިތާކަށް ސަރުކާރުން ބޮން އެޅުންވެސް ހުއްޓައެއް ނުލާނެ"

މިއީ ހަނގުރާމަގަނޑު އިންތިހާއަށް ގަދަވެފައި ވާ އަފްގާނިސްތާނުގެ އާންމު ރައްޔިތެއްގެ ހިތުގެ ކެކުޅުމުގެ އަޑެވެ. އަފްގާނިސްތާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ލަޝްކަރް ގާހް ސަރަހައްދުގައި ތާށިވެފައިވާ މި ރައްޔިތު މީހާއަކީ، ހަތިޔާރު އެޅި ހަނގުރާމަވެރިންނާއި އަފްގާނިސްތާނުގެ ސާލާމަތީ ބާރުތަކާ ދެމެދު ބަދަލު ކުރަމުންދާ ވަރުގަދަ ހަމަލާތަކުގެ މެދުގައި ތާށިވެފައިވާ އެތައް މީހުންނެއްގެ ތެރެއިން އެކަކެވެ.

ސަލާމަތީ ސަބަބުތަކަށްޓަކާ، ބައިނަލްއަގުވާމީ މީޑިއާގައި އެ ރައްޔިތު މީހާގެ ނަން، ހާމަކޮށްފައެއް ނުވެއެވެ.

އަފްގާނިސްތާނުގައި ހަނގުރާމަ ގަދަވެ، ބާޒާރު ސަރަހައްދު ފަޅުވެފަ / ފޮޓޯ: ރޮއިޓާޒް

"މަގު މަތީގައި ގަބުރުވެސް އެބަހުރި. އެއީ އާންމު ރައްޔިތުންގެ ހަށިގަނޑުތަކެއް ކަމެއް، ނުވަތަ ތޯލިބާނު ހަނގުރާމަވެރިންގެ ހަށިގަނޑުކަމެއް، އަހަރަމެންނަށް ނޭނގޭ. އެތައް އާއިލާއެއް މިހާރު އަމިއްލަ ގެދޮރު ދޫކޮށް، ކައިރީގައި އޮތް ހިލްމަންދު ކޯރު ސަރަހައްދުގައި ވަޒަންވެރިވެއްޖެ" ވަޓްސްއެޕް މެދުވެރިކޮށް ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

ހިލްމަންދުގެ ޕްރޮވިންޝަލް ކެޕިޓަލް، ލަޝްކަރު ގާހްގެ ކޮންޓްރޯލް ލިބުނު ވާނީ، 2016 ވަނަ އަހަރަށް ފަހު ތޯލިބާނުންނަށް ހާސިލު ކުރެވޭ އެންމެ ވަރުގަދަ ކާމިޔާބަށެވެ. ހިލްމަންދަކީ، އިނގިރޭސިންނާއި އެމެރިކާގެ އަސްކަރީ ކެމްޕޭން އެންމެ ވަރުގަދަ ކުރި ސަރަހައްދެވެ.

އދއާއި އެހެނިހެންވެސް ޖަމާއަތްތަކުން ދަނީ، އަފްގާނިސްތާނުގައި އިންސާނީ ކާރިސާއެއް އުފެދި، ގޯހުން ގޯހަށް ދާ ކަމުގެ އިންޒާރު ދީފައެވެ. އަންގާރަ ދުވަހު އދއިން ބުނީ، އޭގެ ކުރީ ދުވަހު އެކަނިވެސް ލަޝްކަރު ގާހް އިން އާންމުންގެ 40 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށެވެ.

އަފްގާނިސްތާނާއި ޕާކިސްތާނު ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ތޯލިބާން ހަނގުރާމަވެރިއަކު ހަރަކާތްތެރިވަނީ / ފޮޓޯ: ރޮއިޓާޒް

އަފްގާނިސްތާނުގެ އަސްކަރިއްޔާއިން ވަނީ ތޯލިބާނުންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ފެށުމުގެ ކުރިން، ލަޝްކަރު ގާހްގައި ތިބި އާންމުން، އެ ސަރަހައްދު ދޫކޮށް ދިއުމަށް އިލްތިމާސް ކޮށްފައެވެ. ލަޝްކަރު ގާހްގައި ހަމަލާތައް ބަދަލު ކުރަމުންދާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ހަބަރު ލިބޭ ގޮތުގައި ގިނަ ޑިސްޓްރިކްޓްތަކެއްގެ ކޮންޓްރޯލް ނަގާފައި ވަނީ ތޯލިބާނުންނެވެ.

"ތަހައްމަލު ކުރަމުން މިދަނީ ދަތި ދުވަސްތަކެއް. ބިންމަތީގައި ހުޅުޖަހަމުން ދަނީ ތޯލިބާނުން. ފަޒާ ތެރޭގައި ގޮއްވަމުން ދަނީ ސަރުކާރުގެ ވައިގެ އަސްކަރިއްޔާ" އަފްގާނިސްތާނުގައި ތައުލީމު ހާސިލު ކުރާ ދަރިވަރަކު ބުންޏެވެ.

ފިހާރަތައް ވަނީ ބަންދު ކޮށްފައެވެ. ސަރުކާރުގެ އަސްކަރިއްޔާގެ އުޅަނދުތައް ސުންނާފަތި ކޮށް، މަގުތަކުގެ އެކި ހިސާބުތަކަށް އުކާލާފައި ވާ ފަދައެވެ. ބައެއް ހިސާބުތަކުގައި ހަމަލާ ބަދަލު ކުރުންތައް ކޮންޓްރޯލުން ނެއްޓިފައި ވާ ކަމަށްވެސް ބުނެވިދާނެއެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ބާރުތަކުން ދަނީ އެ ގައުމަށް އަތްގަދަ ކުރަމުން / ފޮޓޯ: ގެޓީ އިމޭޖަޒް

ފިހާރަތަކާއި ބާޒާރުތަކުގެ އިތުރުން ގެތަކުގައި ތޯލިބާނު ހަނގުރާމަވެރިން ފިލާ ތިބެ ހަމަލާ ދެމުން ދާއިރު، އާންމުންގެ މީހުންވެސް ވަނީ ގެތަކުގައި ތާށިވެފައެވެ. ހަމަލާއެއް ދިނުމުގެ ކުރިން އެސަރަހައްދުން ދުރަށް ދިއުމަށް ތޯލިބާނުން އިންޒާރު ކުރާ ކަމަށްވެއެވެ. ނަމަވެސް، ގެތަކަށްވެސް އެބައި މީހުން ވަންނަމުން ދިއުމުގެ ސަބަބުން، އާންމު ގެތަކަކީވެސް ހަނގުރާމައިގެ މައިދާނަކަށް ވަނީ ބަދަލު ވެފައެވެ.

1990ގެ އަހަރުތަކުގައި އަފްގާނިސްތާނުގައި އޮތީ ތޯލިބާނުންގެ ވެރިކަމެކެވެ. ތޯލިބާނުންނަކީ ފާޅުގައި މީހުން މަރަމުން ދިޔަ ޖަމާއަތެކެވެ. ވަޒީފާ އަދާ ކުރުމާއި ތައުލީމު ހާސިލު ކުރުމުގެ ފުރުސަތެއް، އަންހެނުންނަކަށް ނުދެއެވެ.

ނަމަވެސް، ތޯލިބާނުން ބުނަމުންދަނީ، މިހާރު އެ ޖަމާއަތަކީ ބަދަލު ވެފައި ވާ ޖަމާއަތެއް ކަމަށެވެ. އަދި އެފަދަ އަމަލުތަކެއް ނުހިންގާނެ ކަމަށެވެ. ނަމަވެސް، އަފްގާނިސްތާނުގެ ރައްޔިތުންނަށް، އެކަން ގަބޫލު ކުރަން ދައްޗެވެ. އިތުބާރެއް ނެތެވެ.

ހަނގުރާމައިގެ ދުވަސްވަރު އަފްގާނިސްތާނުގެ ރައްޔިތުން ވަނީ ތަރުޖަމާނުންގެ ގޮތުގައި އިނގިރޭސި އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދީފަ/ފޮޓޯ: ޕީއޭ

އަފްގާނިސްތާނުގެ އަސްކަރީ ކޮމާންޑަރަކު ވަނީ، ލަޝްކަރު ގާހްގައި ތޯލިބާނުން ކާމިޔާބު ހޯދައިފިނަމަ، ބައިނަލްއަގުވާމީ ސަލާމަތަށް ނުރައްކާ ވާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ. މޭޖާ ޖެނެރަލް ސާމީ ސާދާތު ވިދާޅުވީ، މިހާރު ކުރަމުން ދަނީ އަފްގާނިސްތާނުގެ ހަނގުރާމައެއް ނޫން ކަމަށާ، މިހާރު ކުރިއަށް ދަނީ، މިނިވަން ކަމާ، ހުދުމުހުތާރު ކަމާ ދެމެދު ކުރާ ހަނގުރާމައެއް ކަމަށެވެ.

އަފްގާނިސްތާނުގައި ހަނގުރާމަ ގަދަ ވެފައި ވާ މި ދަނޑިވަޅަކީ ފާއިތުވީ 20 ވަރަކަށް އަހަރުދުވަހު އެ ގައުމުގައި ހަނގުރާމަ ކުރަމުން ދިޔަ ބައިނަލްއަގުވާމީ އަސްކަރީ ފައުޖުތައް އަފްގާނިސްތާނުން ފައިބަމުން ދާ ދަނޑިވަޅެކެވެ. އެމެރިކާއިން ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފައުޖުތައް ބާލާ ނިންމާނެ ކަން ހާމަކޮށްފައެވެ. ނަމަވެސް، މި ނިންމުމަކީ އެމެރިކާއަށް ހެދޭ ބޮޑު ގޯހެއް ކަމަށް، އަފްގާނިސްތާނު ހަނގުރާމަ ފެއްޓެވި، އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ އިންޒާރު ކުރައްވާފައެވެ.