ސަރުކާރުގެ އިދާރާތަކުގެ ހުރިހާ މުވައްޒަފުން ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ވެކްސިން ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވާފިއެވެ.

ރައީސް އޮފީހުން ބުނީ އެޗްޕީއޭއިން އިއްޔެ ނެރުނު ސާކިއުލާގައި، ދައުލަތުގެ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުމަށް އެދިފައިވާތީ، ކޮވިޑުން ރައްކައުތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވެކްސިން ފުރިހަމަކުރުން ކަމަށް ވުމާއެކު، ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ކޮވިޑް-19 އިން ރައްކައުތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރުމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

އެ ގޮތުން، މިހާތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ މުވައްޒަފުން އޮގަސްޓް 15 2021 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށް، އެ ޑޯޒް ފުރިހަމަކުރި ތާރީހަށް ބަލާ، ފުރިހަމަކުރަންޖެހޭ އިތުރު ޑޯޒް، އެ ޑޯޒެއް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުމަށް ވެސް ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ވަގުތީގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން ވަކި މުއްދަތަކަށް ވެކްސިންޖެހުން ރައްކައުތެރިނޫންކަމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ މެޑިކަލް ޑޮކްޓަރަކު ލަފާ ދޭ މުވައްޒަފުން ވެސް، ލަފާދީފައިވާ މުއްދަތު ހަމަވުމުން ވެކްސިން ފުރިހަމަކުރުމަށް ރައީސް އެދިވަޑައިގެންވި ކަމަށެވެ.

ސަރުކާރުގެ އިދާރާތަކުގެ ވެރިން، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ކޮވިޑް-19 އިން ރައްކައުތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކުރުމަށް ބާރުއަޅުއްވާ، ވެކްސިން ފުރިހަމަކުރޭތޯ ބަލައިދިނުމަށް ރައީސް އެދިވަޑައިގެންވި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.